މިހާރު ކުރިއަށްދާ ޕަވަހޯސް ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ނައިފަރު ޖުވެނައިލް ބަލިކޮށް ޔޫތު ސްޕޯޓްސް ކްލަބް މުބާރާތުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗް ޔޫތް ސްޕޮޓްސް ކުލަބުން ކާމިޔާބު ކުރީ ފަހަތުން އަރައި ތިން ސެޓް ދެ ސެޓުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ސެޓް ތައް ގެންގޮސްފައިވާ ގޮތައްބަލާއިރު، މެޗުގެ ފުރަތަމަ ދެ ސެޓު ނައިފަރު ގެންދިޔައީ 25-21 އަދި 26-24 އިންނެވެ. އަދި މެޗުގެ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް ޔޫތް ސްޕޮތްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 23-25 އަދި 26-24 އިންނެވެ. އަދި މެޗުގެ ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓު ޔޫތު ސްޕޯޓްސްއިން ކާމިޔާބުކުރީ 13-15 އިންނެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ގަދަ ހަތަރު ޓީމް ވާދަކުރާއިރު، ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތް ކްލަބް ޕީކޭ ވަނީ ފުރަތަމަ ބުރުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފަ އެވެ. ލީގުގެ ދެ ވަނަ މަގާމްގައި ފުލުހުން އޮތްއިރު ތިން ވަނަ މަގާމްގައި އޮތީ ސިފައިންގެ ކުލަބެވެ.

ދެވަނަ ބުރު ކުޅޭނެ ތާރީހެއް އަދި ވޮލީ އެސޯސިއޭޝަނުން ހާމަކޮށްފައި ނުވާއިރު ފުރަތަމަ ބުރާއި ޚިލާފަށް ދެވަނަ ބުރުގައި ވާދަކުރާ ޓީމްތަކުގައި ބިދޭސީ ކުޅުންތެރިން ވާދަކުރުމުގެ ފުރުޞަތު ލިބޭނެ އެވެ.