26 Oct 2013, 14:58
މިއަދު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށް މާދަމާ ހެނދުނު އެ ޖަލްސާ ބާއްވާ ގޮތަށް ނިންމައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ މިއަދު ބާއްވަން މަސައްކަތް ކުރި ޖަލްސާ ކެންސަލްކޮށްފައިވާ ކަމަށާއި އެ ޖަލްސާ އަލުން ބާއްވާނީ މާދަމާ ހެނދުނު 9،00ގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް ހަމަޖެއްސެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަންކަމާ ގުޅިގެނެވެ. އެއީ އަންނަ ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވާތީ، އެ ތާރީހާ ހަމަޔަށްދާއިރު، އިންތިހާބު ކުރާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމުން ގާނޫނީ މައްސަލަތަކެއް ދިމާވެދާނެތީ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ އެވެ.
މިއަދު ބާއްވަން މަސައްކަތް ކުރި ޖަލްސާ ކުރިއަށް ނުގެންދެވިފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވާން މަޖިލީހަށް ވަޑައިގެންނެވުމުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ނަމަވެސް ސިފައިން ވަނީ އަލީ އާޒިމް މަޖިލީހުގެ ގޯތިތެރެއިންނެރެ ފުލުހުންނާ ހަވާލު ކޮށްފަ އެވެ. އާޒިމް މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހުދަށް ރައީސް ވަހީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީހުތަކުގައި އިންތިހާބު ބާއްވާ ނަމަ ނޮވެމްބަރު 11ގައި ރިޔާސީ ދައުރު ހަމަވެގެންދާ އިރު ވެސް ގާނޫނު އަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެފަދަ ހާލަތަކީ ގާނޫނީ މައްސަލަތަކެއް ދިމާވާނެ ހާލަތަކަށް ވާތީ އެ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.