26 Oct 2013, 14:04
މިއަދު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނަށް ހަމަލާދިނުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ގޮވާލެއްވި ކަމަށް ޕީޕީއެމުން ތުހުމަތުކޮށްފި އެވެ.
~
މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް، ޔާމިން އަށް ހަމަލާދެއްވި ކަމަށް ބުނެ، އަމަލު ކުރެއްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔާމިން މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނަށް ހަމަލާދިނުމަށް ހަމްޒާ ގޮވާލެއްވުމުން، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) އެކަމަށް އިޖާބަ ދެއްވައި ހަމަނުޖެހުން ހިންގަވާފައިވާ ކަމަށެވެ. އަދި އެކަން އެ ޕާޓީން ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމަށް އެމްޑީޕީގެ ފަރާތުން ހިންގަމުން ގެންދާ އަމަލުތައް ވަގުތުން ހުއްޓާލައި ގައުމުގެ ހަމަޖެހުމަށް އިސްކަންދެއްވުމަށް ޕީޕީއެމުން ގޮވާލާ ކަމަށެވެ. އަދި ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ފުލުހުންނާއި ސިފައިން ކުރަމުންދާ މަސައްކަތަށް އެ ޕާޓީން ޝުކުރު އަދާ ކުރާ ކަމަށެވެ.
ޕީޕީއެމް އިން ހަމްޒާ އަށް ކުރި ތުހުމަތައް އޭނާ ދޮގު ކުރެއްވި އެވެ. ހަމްޒާ "ސަން"އަށް ވިދާޅުވީ އެއީ ޕީޕީއެމުން "ކަނޑައެޅިގެން ހެދި ބޮޑު ދޮގެއް" ކަމަށެވެ.