26 Oct 2013, 13:54
އަމިއްލަ މިލްކިއްޔާތުގައި 300 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެއްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާޚް ރުކް ޚާން އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ޖާގަ ހޯދައިފި އެވެ.
ޗައިނާއިގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށްވާ "ހުރުން" އިން ނެރޭ އިންޑިއާގެ އެންމެ މުއްސަނދިންގެ ލިސްޓުގެ އެންމެ ކުރީގައި ވަނީ އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަން މުކޭޝް އަމްބާނީ އެވެ. އޭނާގެ އަމިއްލަ މިލްކިއްޔާތުގައި 18.9 ބިލިޔަން ޑޮލަރު ހިމެނެ އެވެ.
ހުރުން އިންޑިއާ ރިޗެސްޓް މޭން 2013ގައި ވާގޮތުން އަމްބާނީގެ މުދަލުން ދެ ޕަސެންޓް މަދުވެފައިވިޔަސް އޭނާ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އެންމެ މުއްސަނދި އިންޑިއާ މީހާގެ މަގާމު ދިފާއުކޮށްފަ އެވެ.
އިންޑިއާގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓްގެ އެއް ހިއްސާދާރު ކަމަށްވާ ޝާހްރުކްޚާންގެ އަމިއްލަ މިލްކިއްޔާތުގައި 400 މިލިއަން ޑޮލަރުގެ މުދާހުރިއިރު އިންޑިއާގެ އެންމެ މުއްސަނދިންގެ ލިސްޓުން ޝާޚްއަށް ލިބެނީ 114 ވަނަ މަގާމެވެ.
މީގެ އިތުރުން ޝާޚް ރުކް ޚާން ވަނީ އިންޑިއާގެ އެންމެ މަގުބޫލު ޝަހުސިޔަތަކަށް ވެސް ހޮވިފަ އެވެ. އެގޮތުން ދަ އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ، އިންޑިއާގައި ހަރަކާތްތެރިވާ "ބްރޭންޑް އެޓްރެކްޓިވްނެސް" އަންދާޒާ ކުރާ ކުންފުންޏެއް ކަމަށްވާ "36 ޓްރެއިޓް މެޓްރިކްސް"ގެ "ދަ ބެރޭންޑް ޓްރަސްޓް ރިޕޯޓް"ގައި ވާގޮތުން އިންޑިއާގައި މީހުން އެންމެ ބަލައިގަންނަ އެންމެ މަގުބޫލު ޝަހުސިއްޔަތަކީ ޝާޚް ރުކް ޚާނެވެ.
ޝާޚްގެ ފަހަތުން އެ ލިސްޓުގައި އަމީތާބު ބައްޗަން އާއި ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީ ހިމެނޭ އިރުލިސްޓުގެ ހަތަރުވަނައިގައި އޮތީ އާމިރް ޚާން އެވެ. އަދި އޭގެ ފަހަތުން މިތުން ޗަކްރަބޯޓީ، ކެތްރިނާ ކައިފް، ސަލްމާޚާން އަދި ސަޗިން ޓެންޑްލްކަރު ފަދަ މަޝްހޫރު ޝަޚްސިއްޔަތުތައް ހިމެނެ އެވެ.