ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ ސަށް އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލާފައި ވަނީ ކޮން ދައުވާތަކެއް ކަމެއް އަދި ސާފެއްނުވެއެވެ.

ހޮނޑައިދޫގައި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ޒަކީގެ ދަރިކަލުން މުހައްމަދު ހަމްދާން ޒަކީގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.

ހޮނޑައިދޫގައި ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ދައުވާ އުފުލި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިތުރުން ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖާދުﷲ ޖަމީލުގެ އިތުރުން ރައީސް ނަޝީދު ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީކަން ކުރެއްވި މުހައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ފާއިޒު ވެސް ހިމެނެ އެވެ.