އަސްކަރީ އިންގިލާބަކުން 2009 ވަނަ އަހަރު ވެރިކަން ބަދަލުކޮށްލި އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ މަޑަގަސްކަރައިގައި ރިޔާސީ އިންތިޚާބު ތިން ފަހަރު ނުބޭއްވިގެން ފަސް ކުރުމަށް ފަހު ފުރަތަމަ ފަހަރަށް އިންތިހާބު ބާއްވައިފި އެވެ.

މަޑަގަސްކަރައިގެ ރިޔާސީ އިންތިޚާބުގައި 33 ރިޔާސީ ކެންޑިޑޭޓުން ވާދަކުރާއިރު އެކި ސަބަބުތަކާ ހުރެ އިންތިޚާބު ނުބޭއްވިގެން މިއަހަރު ތެރޭގައި މިހާތަނަށް ތިން ފަހަރެއްގެ މަތިން މި އިންތިޚާބު ވަނީ ފަސްކޮށްފަ އެވެ.

ގައުމުގައި ހިންގަމުން ގެންދިޔަ ސިޔާސީ ހަމަނުޖެހުންތަކަށްފަހު އިގްތިސާދީ ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ އެ ގައުމުގެ ރައީސް ކަމަށް ވާދަކުރަށްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ހެންރީ މާޝަލް ރަކްތޯއަރިމަނަނާ އާއި ޖީން ލުއިސް ރޮބިންސަންއާ ދެ ކެންޑިޑޭޓުންގެ ވެސް އެންމެ ބޮޑު ވައުދަކީ ގައުމު ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން ސަލާމަތްކޮށްދިނުމެވެ. އެގޮތުން ވަޒީފާތައް އިތުރު ކުރުމާއި ފަތުރުވެރިކަން އަލުން ބިނާކުރުން ފަދަ ވައުދުތައް ހިމެނެ އެވެ.

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 22 މިލިޔަން މީހުންގެ އާބާދީއެއް އޮންން މަޑަގަސްކަރައިގެ އާބާދީގެ 92 ޕަސެންޓް މީހުނަނަށް ދުވާލެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ދެ ޑޮލަރު ވެސް ނުޖެހެ އެވެ.

ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަޑަގަސްކަރައިގެ ވެރިކަން ކުރާ ރަށުގައި ވޯޓުލުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވިފައިވީ ނަމަވެސް އެހެނިހެން ހިސާބު ތަކުގައި ބައެއް ހަމަނުޖެހުންތައް ހިންގާފައިވެ އެވެ. އެގޮތުން ވެރިރަށް އަންތަނަނާރިވޯގެ ރަށްބޭރުގައި އަދި ހުޅަނގު އުތުރުގެ ރަށެއްގައި ވޯޓުލުމަށް ތައްޔާރުކޮށްވާ ދެ ސްޓޭޝަންގައި ހުޅުޖަހާފައިވެ އެވެ.

ހުޅަނގުދެކުނުގެ ރަށެއް ކަމަށްވާ ބެނެނިޓްރާގައި ބުރާސްފަތި ދުވަހުގެ ރޭ ވޯޓުލާ މަރުކަޒަކަށް ދިން ހަމަލާއެއްގައި އެ އަވަށުގެ ވެރިޔާވެސް ވަނީ މަރުވެފައި ކަމަށް ބީބީސީން ބުންޏެވެ.

މަޑަގަސްކަރައިގެ މިހާރުގެ ރައީސް އެންޑްރީ ރަޖޮއެލީނާ ވެރި ކަމަށް އައީ ކުރީގެ ރައީސް މާކް ރަވަލޮމަނާނާގެ ވެރިކަން 2009 ވަނަ އަހަރު އަސްކަރީ އިންގިލާބަކުން ވައްޓާލުމަށް ފަހު އެވެ. އަދި އެއާއެކު ގައުމު ސިޔާސީ އަނދަވަޅަކަށް ވެއްޓި ގައުމުގައި ހިންގަމުން ގެންދިޔަ ހަމަނުޖެހުންތަކާއެކު ބައިނަލް އަގްވާމީ މުޖްތަމައުއިން ދެމުން ގެންދިޔަ އެހީތައް ވެސް ވަނީ ކަނޑާލާފަ އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު، ފުރަތަމަ ވެސް ރަޖެއޮލިނާ އިއުލާން ކުރެއްވީ 24 މަސްދުވަހުގެ ތެރޭގައި އާ ގާނޫނުއަސާސީއެއް އެކުލަވާލައި އެގައުމުގައި އިންތިޚާބު ބާއްވާނޭ ކަމަށެވެ. އަދި އިންތިޚާބުގައި ކުރީގެ ހުރިހާ ރައީސުންނަށް ވެސް ވާދަ ކުރެއްވޭނޭ ކަމަށް 2009 ވަނަ އަހަރުގެ މޭމަހުގައި ރަޖެއޮލިނާ އިއުލާން ކުރެއްވި އެވެ. އެހެން ނަމަވެސް އިންތިޚާބާއިގެން ކުރިއަށް ދެވޭގޮތެއް ނުވި އެވެ.

މަޑަކަސްގަކަރަ ނިސްބަތްވާ ސަދަން އެފްރިކަން ޑެވެލޮޕްމަންޓް ކޮމިއުނިޓީ (އެސްއޭސީޑީ)އާ އެކު ވެވުނު އެއްބަސް ވުމެއްގެ ދަށުން ރައީސް ޖަރައޮލިނާ އާއި އަދި ގަދަކަމުން ވެރިކަމުން ދުރުކުރެވުނު ކުރީގެ ރައީސް ރަވަލޮމަނާނާ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އެހެން ނަމަވެސް މިއަހަރުގެ ޖުލައި މަހު އިންތިޚާބު ބޭއްވުމަށް ތައްޔާރު ކުރުމަށްފަހު އޯގަސްޓް މަހަށް އިންތިޚާބު ފުރަތަމަ ފަހަރު ފަސްކުރަން ޖެހުނީ، ކުރީގެ ރައީސް ރަވަލޮމަނާނާގެ އަނބިކަނބަލުން އެ އިންތިޚާބުގައި ވާދަކުރަށްވާނޭ ކަން އިއުލާނުކުރެއްވުމާޢި އަދި ފަހުން ރަޖޮއެލިނާވެސް އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވުމުން ނެވެ. އެއާއެކު އެހީދޭ ޖަމާއަތްތަކުން ވަނީ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

މަޑަގަސްކަރައިގައި ވޯޓްލުމަށް އެދި 7.8 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު ވޯޓުލުމަށްޓަކައި 20،115 މަރުކަޒު ބެހެއްޓިފައިވެ އެވެ.

ވޯޓުގެ ނަތީޖާ ނޮވެމްބަރި މަހުގެ 4 ވަނަ ދުވަހު އިއުލާނު ކުރަން ހަމަޖެހިފައިވާ އިރު އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ނުލިބިއްޖެ ނަމަ އެންމެ ގިނައިން ވޯޓު ހޯދި ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ވޯޓުލުމުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ، އެގައުމުގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ޑިސެމްބަރު މަހު ބާއްވާ އިންތީޚާބާ އެކު އެވެ.