26 Oct 2013, 11:42
ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ވާދަވެރި ރެއާލް މެޑްރިޑް ކުޅޭ މެޗުގައި ގެރެތު ބޭލް ކުޅޭނެ ކަމަށް ރެއާލްގެ ކޯޗް އެންޗެލޯޓީ ބުނެފި އެވެ.
ރާއްޖެ ގަޑިން މިރޭ 9:00ގައި ބާސާއާ ދެކޮޅަށް ރެއާލް ނިކުތުމުގެ ކުރިން ކޯޗް އެންޗެލޯޓީ ބުނީ، ދުނިޔޭގެ ރެކޯޑް ފީއަކަށް ގެންދިޔަ ވޭލްސް ވިންގާ ގެރެތު ބޭލްގެ މައިބަދައިގެ ޑިސްކެއް ގުޑާފައިވާކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އެއީ ދޮގެއް ކަމަށާއި އަދި މިރޭގެ މެޗުގައި އޭނާ ކުޅޭނެ ކަމަށެވެ.
އަންޗެލޯޓީ ބުނީ، މިރޭގެ މެޗަށް ބޭލް ފިޓް ކަމަށާއި ޓީމުގެ ފުރަތަމަ 11 އިން އޭނަ ފެންނާނެ ކަމަށެވެ.
"މިރޭގެ މެޗަކީ މުހިންމު މެޗެއް. މިރޭގެ މެޗަށް ބޭލް ފިޓް. އޭނަ މިރޭގެ މެޗުގައި ކުޅޭނެ." އެންޗެލޯޓީ ބުންޏެވެ.
ނިމިގެންދިޔަ ސަމާ ޓްރާންސްފާގައި ޓޮޓެންހަމް ހޮޓްސްޕާއިން 136 މިލިޔަން ޑޮލަރަށް ރެއާލްއަށް ބަދަލުވި ބޭލް އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ.
ސްޕެނިސް ލީގުގައި މިރޭ ކުޅޭ އިތުރު މެޗްތަކަށް ބަލާއިރު، ރާއްޖެ ގަޑިން މިރޭ 7:00ގައި މަލާގާ އާއި ސެލްޓާ ވީގޯ ބައްދަލުކުރާ މެޗާއި މިރޭ 11:00ގައި އެލްޗޭއާއި ގްރެނޭޑާ ބައްދަލުކުރާ މެޗް އަދި މިރޭ 1:00ގައި ލިވަންޓޭ އާއި އެސްޕަންޔޯލް ބައްދަލުކުރާނެ އެވެ.
ސްޕެނިސް ލީގުގެ އެންމެ ކުރީގައި 25 ޕޮއިންޓާއެކު އޮތީ ބާސާ އެވެ. ދެ ވަނަ މަގާމް ގައި 24 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތް އިރު، ރެއާލް އޮތީ ލީގުގެ ތިން ވަނަ މަގާމްގައި 22 ޕޮއިންޓާއެކު އެވެ.