30 Nov 2010, 15:06
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ގެޒެޓްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަމަވެސް ރަޖިސްޓަރީ ގެޒެޓްކޮށްފައިވަނީ އިއްޔެ ކަމަށް ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ކުރިން ރަޖިސްޓްރީ ގެޒެޓްކުރި ކަމަށް ބުނި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަ އެއްގެ ސަބަބުން އެކަން ކުރެވުނީ އިއްޔެ ކަމަށެވެ.
މުހައްމަދު ތޮލާލް، ޑިރެކްޓާ ޖެނެރަލް އޮފް އިލެކްޝަންސް ވިދާޅުވީ، ރަޖިސްޓްރީ އާއްމުކޮށްފައިވާ ކަމަށް މިމަހުގެ 23 ވަނަ ދުވަހު ކޮމިޝަނުން އިއުލާންކުރީ "ސަރުކާރުން އެދުވަހު އެކަން ކޮށްފައިވާ ކަމަށް ކޮމިޝަނަށް ހީކުރެވިގެން" ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ކޮމިޝަނަށް އެރި އޮޅުމެއް ކަން އެނގުނީ އޭގެ ދެދުވަސް ފަހުން ކަމަށެވެ.
ކޮމިޝަނުން ކުރިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ނޮވެމްބަރު 23، 2010ގައި ވޯޓާސް ރަޖިސްޓްރީ އާއްމުކޮށް، އަދި ގެޒެޓްކޮށްފައިވާ ކަމަށާއި ރަޖިސްޓަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވަލާފައި އޮތީ ޑިސެމްބަރު ދޭއްގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް، ރަޖިސްޓަރީ ގެޒެޓްކުރާ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތެއް، ރަޖިސްޓަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމަށްޓަކައި އާއްމުންނަށް ހުޅުވާލަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ޤާނޫނުގައި ބުނެފައިވާތީ، ކޮމިޝަނުން ވަނީ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ކުރިން ހަމަޖައްސާފައި އޮތް މުއްދަތަަށް ބަދަލު ގެނެސްފަ އެވެ.
އެގޮތުން މިހާރު ރަޖިސްޓްރީއާ ގުޅޭ ޝަކުވާތައް ޑިސެމްބަރު 9، 2010 ގެ ހަވީރު 4:00 ގެ ނިޔަލަށް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ތޮލާލު ވިދާޅުވި ގޮތުގައި، ޝަކުވާ ހުށަހެޅުމުގެ މުއްދަތަށް ބަދަލު ގެނައި ނަމަވެސް، ކުރިން ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ޝަކުވާ ވެސް ކޮމިޝަނުން ބަލައިގަތެވެ.
ރާއްޖޭގެ ރަށްތައް ލާމާރުކަޒީ އުސޫލުން ހިންގުމަށް އިދާރީ ދާއިރާތަކުގައި އުފައްދާ ފުރަތަމަ ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ 2،24474 ( ދެ ލައްކަ ސައުވީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތަރު) މީހުނަށެވެ.