26 Oct 2013, 11:22
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ގިނަ ކުޅުންތެރިންތަކެއް އޮމާންގެ ސޫރު ސްޕޯޓްސް އަށް ގެންދަން ބޭނުން ކަމަށް އެ ކްލަބްގެ ކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ރޭ ނިއުގެ ކޯޗު ކަމުން ވަކިވެ، އޮމާންގެ ކްލަބަކާ ގުޅެން ނިންމިކަން އިއުލާން ކުރަމުން ޕޮޕޯފް ބުނެފައިވަނީ، އޭނާ އޮމާނަށް ދިއުމަށް ފަހު، ރާއްޖޭގެ ބައެއް ކުޅުންތެރިން އޮމާނަށް ގެންދިއުމަށް މަސައްކަތް ކުރާނޭ ކަމަށެވެ. އޮމާންގައި ހުރެގެން "ސަން"އަށް ޕޮޕޯފް ބުނީ، ނިއުގެ ގިނަ ކުޅުންތެރިންތަކެއް އޮމާނަށް ގެންދަން އޭނާ ބޭނުން ކަމަށާއި، އަދި މިހާރުވެސް އެކަމާ ބެހޭގޮތުން އެ ކުޅުންތެރިންނާ މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.
"އަހަންނަށް ގެނެވޭނެ ނަމަ އަހަރެން ބޭނުން ނިއުރޭޑިއަންޓްގެ ހުރިހާ ކުޅުންތެރިން ވެސް ގެންނަން. އެކަމަކު އެއީކީ ވާނޭ ކަމެއް ނޫން،" ޕޮޕޯފް ބުންޏެވެ. "ޖެނުއަރީ ޓްރާންސްފާ ފެށުމުން އެނގިގެންދާނެ އެއީ ކޮން ކުޅުންތެރިންނެއް ކަން. އަހަރެން މިހާރުވާނީ އަލީ އަޝްފާގު[ދަގޭ]އާ ވާހަކަ ދައްކާފައި. ދަގޭއަށް ލިބޭ އޮފާތަކަށް ބަލާފައި އޭނަ ކަނޑައަޅާނެ އޭނާއަށާއި އަދި އޭނަގެ އާއިލާއަށް އެންމެ ރަނގަޅީ ކޮން ހުށަހެޅުމެއްކަން. އަހަރެން އުންމީދު ކުރަނީ އަހަރެންގެ ޓީމަށް އޭނާ އަންނާނޭ ކަމަށް،" ނިއުގެ ކުރީގެ ކޯޗު ބުންޏެވެ.
ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ދަގަނޑޭގެ އިތުރުން މިހާތަނަށް ސޫރު އަށް ގެންދިއުމަށް ޕޮޕޯފް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދިވެހި ކުޅުންތެރިންގެ ތެރޭގައި ނިއުގެ މުޙައްމަދު އުމޭރު، އަލީ ފާސިރު (ސެންޓޭ) އަދި އަކްރަމް އަބްދުލްޣަނީ (އަކޫ) ހިމެނެ އެވެ.
ދަގަނޑޭއާއި އުމޭރު ފިޔަވައި އަނެއް ދެކުޅުންތެރިންނަކީވެސް ނިއުގެ ކޮންޓްރެކްޓްގައި މިހާރުވެސް ތިބި ކުޅުންތެރިން ކަމަށްވީ ނަމަވެސް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވެސް "ސަން"އަށް ވިދާޅުވީ، ކުޅުންތެރިންނަށް ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ ނިއުއިން ނުހިފަހައްޓާނޭ ކަމަށެވެ.
"އަޅުގަނޑު ބޭނުން މި ކްލަބްގައި އަބަދުވެސް މޮޅު ކުޅުންތެރިން ބައިތިއްބައިގެން މޮޅު ކްލަބެއްގެ ގޮތުގައި ބާއްވަން. އެކަމަކު ވެސް މި ޓީމުގެ ކިތަންމެ މުހިއްމު ކުޅުންތެރިއަކަށް ވެސް ރާއްޖެއިން ބޭރުން ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ އެކުޅުންތެރިއަކަށް އެފުރުސަތު އަޅުގަނޑުމެން ދޭނަން. ކުޅުންތެރިއެއްގެ އެފަދަ ކުރިއެރުމަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން،" ބަލަކް ވިދާޅުވި އެވެ.
ބަލްގޭރިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ވެސް ޕޮޕޯފް ވަނީ، ރާއްޖޭގެ ބައެއް ކުޅުންތެރިން އޭނާގެ މިހާރުގެ ޓީމަށް ގެންދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ދަގަނޑޭ އަށާއި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"އަހަރެން ވަރަށް ބޮޑަށް ހައިރާންވި ދިވެހި ކުޅުންތެރިންގެ ޓެކްނިކަލް ކޮލިޓީސް ފެނިފައި. ގިނަ ކުޅުންތެރިންނަކީ ވަރަށް ޓެކްނިކަލް، ހަލުވި އަދި ހުނަރުވެރި ކުޅުންތެރިން. އެ ކުޅުންތެރިންގެ އޮތީ އެންމެ މައްސަލައެއް. އެއީ ފިޒިކަލީ އެހާ ވަރުގަދަ ނޫން މައްސަލަ. އެކަމަކު މިކަހަލަ ވަރުގަދަ ލީގަކަށް ގެނެސްފިއްޔާ އެކަންވެސް ރަނގަޅުވާނެ،" ޕޮޕޯފް ބުންޏެވެ.
ޕޮޕޯފް ބުނީ ރާއްޖޭގައި މިހާރުވެސް ބަލްގޭރިއާގެ އެންމެ ވަރުގަދަ ހަތަރު ޓީމުން ޖާގަ ހޯދޭވަރުގެ ކުޅުންތެރިން އެބަ ތިބި ކަމަށެވެ.
"އަހަރެން ޔަގީންކަން ދެން އޭގެ ތެރެއިން ތިން ހަތަރު ކުޅުންތެރިން މިހާރުވެސް ފަސޭހަ ކަމާއެކު ބަލްގޭރިއާގެ ބޮޑެތި ކްލަބްތަކުން ޖާގަ ހޯދާނެ. އޭގެ ތެރޭގައި އަލީ އަޝްފާގުގެ ހުނަރުގެ ވާހަކަ ދައްކާނޭ ކަމެއް ނެތް. އޭނާއަކީ އާދަޔާ ހިލާފް ހުނަރުތަކެއް ލިބިފައިވާ މޮޅު ފޯވާޑެއް،" ނިއުގެ ކުރީގެ ބަލްގޭރިއާ ކޯޗު ބުންޏެވެ.
ޕޮޕޯފް އިތުރަށް ބުނީ، އޭނާއަށް ރާއްޖެއިން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހިން އޭނާއަށް ކުރި ގަދަރާއި ދިން ލޯތްބާއި އިހްތިރާމް ކަމަށެވެ.
"އަހަރެން އެންމެ ބޮޑަށް ހައިރާންވި އެއްކަމަކީ ދިވެހިންނަކީ އެމީހުންގެ ދީނީ ކަންތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތުގެ އިތުރުން ގިނަ މީހުންނަކީ ފުޓްބޯޅައަށް ވަރަށް ލޯބިކުރާ ބައެއް،" ޕޮޕޯފް ބުންޏެވެ. "ނިއުރޭޑިއަންޓްގައި އަހަރެން ހޯދި ކާމިޔާބުގެ އިތުރުން، އަހަރެންގެ ކުޅުންތެރިންނާއި، ކްލަބްގެ މެނޭޖްމަންޓާއި އަދި ސަޕޯޓަރުންގެ ފަރާތުން އެ ލިބުނު ލޯތްބާއި އިހްތިރާމް ދުވަހަކުވެސް ހިތަކުން ނުފިލާނެ،" ނިއުއަށް އެނބުރި އަންނަން އުންމީދުކުރާ ކަމަށްބުނެ ޕޮޕޯފް ބުންޏެވެ.