26 Oct 2013, 10:56
ދިމިޝްގު (އޮކްޓޯބަރ 26): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އަލްގާއިދާއަށް ބައިއަތު ހިފާފައިވާ ޖަމާއަތެއް ކަމަށްވާ އައްނުސްރާ ޖަމާއަތުގެ ޒައީމް އަބޫމުހައްމަދުލް ޖޫލާނީ މަރާލެވުނު ކަމަށް ސޫރިޔާގެ ރަސްމީ ޓީވީ ން ފެތުރި ޚަބަރުތަކެއް އެ ޖަމާއަތުން ދޮގުކޮށްފި އެވެ.
އައްނުސްރާ ޖަމާއަތުން އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ ބަޔާނެއްގައި މުހައްމަދުލްޖޫލާނީ އަކީ އިސްލާމީ ފާތިހެއް ކަމަށް ސިފަކޮށް އޭނާ މަރާނުލެވޭ ކަމަށް ބުނެފައިވެ އެވެ. އަދި ޖޫލާނީ މަރާލެވިއްޖެ ކަމަށްބުނެ ޓީވީ ޗެނެލްއަކުން ފަތުރާފައި ވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ސޫރިޔާގެ ރަސްމީ ޓީވީ ޗެނަލްއަށް ކޮށްފައިވާއިޝާރާތެއް ކަމަށް މުރާސިލުން ބުނެ އެވެ. ޖޫލާނީ މިދިޔަ މޭ މަހު ވަނީ އަލްގާއިދާގެ ޒަޢީމް ޑރ. އައިމަނުއްޒަވާހިރީ އަށް އޭނާ އާއި އޭނާގެ އައްނުސްރާ ޖަމާއަތް ބައިއަތު ހިފާފައިވާކަން އިއްލާންކޮށްފަ އެވެ.
ނަމަވެސް އިރާޤުގައި ބޮންގޮއްވުމުގެ އަމަލުތައް ހިންގާ އަލްގާއިދާގެ އިރާގުގެ ގޮތްޕާ ގުޅުންތައް ނުބާއްވާ ކަމަށާ ނަމަވެސް އެގޮފިން ދޭ ފައިސާ ބޭނުން ކުރަމުން ގެންދާ ކަމަށް ޖޫލާނީ ބުނެފައިވެ އެވެ. މިގޮތަށް ޖޫލާނީ ބުނެފައި ވަނީ އަލްގާއިދާގެ އިރާޤުގެ ގޮތްޕާއި ސޫރިޔާގެ އައްނުސްރާ ޖަމާއަތް އެއްކޮށް އެއްޖަމާއަތަކަށް ހަދާފައިވާކަން އަލްޤާއިދާގެ އިރާގުގެ ގޮފިން އިއުލާން ކުރުމާ ގުޅިގެންނެވެ. ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އައްނުސްރާ ޖަމާއަތަކީ އަލްގާއިދާ އެކޭ އެއްގޮތަށް ގޮތްނޭންގޭ ޖަމާއަތެކެވެ. އައްގާއިދާއާއި އެޖަމާއަތުގެ ފަހަތުގައިވާ ފަރާތްތަކަކީ ވެސް ގޮތްނޭނގޭ ފަރާތްތަކެކެވެ. އަދި އެޖަމާއަތްތަކަށް ފައިސާ ޚަރަދުކުރާ ފަރާތްތަކަކީ ވެސް ގޮތްނޭނގޭ ފަރާތްތަކެކެވެ.
އަލްގާއިދާއާއި އެޖަމާއަތާ ގުޅިފައިވާ ޖަމާއަތްތަކަކީ މުސްލިމުންނާއި އިސްލާމް ދީން ބަދުނާމުކޮށް އިސްލާމީ ގައުމުތައް ހަލާކު ކުރުމަށްޓަކައި އެމެރިކާއާއި ހުޅަނގުގެ ޖާސޫސީ އިދާރާތައް އަޑީގައި ތިބެގެން ހަރަކާތް ކުރުވާ ޖަމާއަތްތަކެއް ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރެއެވެ.
އަލްގާއިދާ ޖަމާއަތް ވުޖޫދަށް އައިސްފައިވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭ. ގެ ބެލުމުގެ ދަށުން އެއިދާރާއިން ތަމްރީން ލިބިގެން 1980 ގެ އަހަރުތަކުގައި އަފްޣާނިސްތާނުގައި ކުރީގެ ސޮވިއެޓް ޔުނިޔަން ގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރި ހަނގުރާމަވެރިންގެ ތެރެއިންނެވެ. އަލްގާއިދާއާއި އެޖަމާއަތުގެ ގޮފިތަކުން ބޮންގޮއްވުމުގެ އަމަލުތައް ހިންގަމުން ގެންދަނީ އެޖަމާއަތްތަކުން ހަނގުރާމަ އިއްލާންކޮށްފައިވާ އިސްރާއީލާއި ހުޅަނގުގެ ގައުމުތަކުގެ ބަދަލުގައި އިސްލާމީ ގައުމުތަކަށް އަމާޒުކޮށް އިސްލާމީ ގައުމުތަކުގައެވެ.
އަލްގާއިދާގެ ނަމުން ނަންދެވިފައިވާ ޖަމާއަތްތަކުގެ ސަބަބުން އިސްލާމީ އެތަށް ގައުމަކަށް އަރައިގަތުމާއި ބޮންއެޅުންފަދަ އެތަށް ކަމަކަށް އެމެރިކާއަށާއި ހުޅަނގުގެ ބާރުތަކަށް ފުރްސަތު ލިބޭއިރު އެޖަމާޢަތްތަކުގެ ބޮންގޮއްވުމުގެ ހަމަލާތައްވެސް ސީދާ ގޮތެއްގައި އަމާޒުކުރަމުންދަނީ ކުށެއް ނެތް މުސްލިމުންނަށެވެ. މަރައި ލޭއޮހޮރުވަމުން ގެންދަނީ މުސްލިމުންގެއެވެ. މިގޮތުން ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި އިއްޔެ މީހަކު އަމިއްލައަށް މަރުވެގެން ދިން ކާރު ބޮމުގެ ޙަމަލާގައި 161 މީހުން މަރުވެފައިވާއިރު މިހަމަލާގެ ފަހަތުގައިވަނީ އައްނުސްރާ ޖަމާއަތް ކަމަށް ވަނީ ބެލެވިފައެވެ. މިޙަމަލާގައި މަރުވެފައިވަނީ ބައްޝާރުގެ އަނިޔާވެރި ސިފައިންނެއްނޫނެވެ. ސޫރިޔާގެ ކުށެއްނެތް އާންމު ރައްޔިތުންނެވެ. (ނޫސްއެޖެންސީތައް)