ތިލަފުށީ އުތުރު ފަރާތުގައި އޮންނަ އެމް ޓްރެކްސް ކޮމްޕެނީގެ ޖެޓީއެއް ކަނޑައިގެން ވެއްޓި މީހެއްގެ ފައި ބިނދި އަނެއް މީހާގެ ބޯފަޅައިގެން ހިނގައްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރޭ 8 ޖަހާ އެހާކަންހާއިރު ހިނގި ހާދިސާގައި އަނިޔާވެފައި ވަނީ "އެމްވީ ތައިބިން ސްޓާ" ބޯޓުގައި މަސައްކަތް ކުރާ ވިއެޓްނާމްގެ ދެ މީހަކަށް ކަމަށެވެ. އަދި ބޯ ފަޅައިގެން ދިޔަ މީހާގެ ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ދެ މީހުންނަށް ވެސް ފަރުވާ ދިނުމަށް ވަނީ ރޭ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ރޭ 8:15ގައި ޖެޓީ ކަނޑައިގެން ވެއްޓުނު ވަގުތު އެމީހުން ތިބީ ޖެޓީގައި އަޅާފައި އޮތް ބޯޓެއްގައި މަސައްކަތް ކުރަން ކަމަށެވެ. އެވަގުތު އެބޯޓުގައި ވިއެޓްނާމްގެ 20 މީހަކު ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ޖެޓީ ކަނޑައިގެން ވެއްޓުނީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ޖެޓީ ކަނޑައިގެން ވެއްޓުމުގެ ސަބަބުން އެ ވަގުތު ޖެޓީގައި އަޅާފައި އޮތް ބޯޓުގެ ވާކަނޑައިގެން ދިއުމުގެ ސަބަބުން އެބޯޓު އޮޔާ ގޮސް ގުޅި ފަޅު ކައިރިއަށް ލައްގާފައިވާ ކަމަށެވެ. އަދި އެބޯޓުގެ އެޖެންޓްގެ ގޮތުގައި މަސައްކަތްކުރާ ގޭޓްވޭ ޝިޕިންއިން ޓަގެއްގެ އެހީގައި ބޯޓު ގެނައުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ޖެޓީގައި އަޅާފައި އޮތް ބޯޓެއްގެ ތިންވާ ކަނޑައިގެން ގޮސް ފެންމަތީގައި ވާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ ޖެޓީގައި އަޅާފައި އޮތް ބޯޓުގެ ތިން ވާ ކަނޑައިގެންގޮސް، އެދިމާލުން ކަނޑުގެ ފެންމަތީގައިވާ ކަމަށާއި ކޮންމެ ވަލެއްގައި 200 ވަރަކަށް މީޓަރު ހުންނާނެ ކަމަށެވެ.