26 Oct 2013, 10:22
ހުރިހާ މެޗަކުން މޮޅުވެގެން ސީޒަންގައި ވާދަކުރި ހަތަރު މުބާރާތުގެ ތަށި އުފުލާލައިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިއަހަރު ހޯދި ކާމިޔާބަކީ އާދައިގެ ކަމެއް ނޫން ކަމަށް އެ ކްލަބްގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
ނިއުއިން މިއަހަރު ހޯދި ކާމިޔާބުތަކާ ބެހޭ ގޮތުން "ސަން"އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި، މިހާރު އޮމާންގެ ސޫރު ސްޕޯޓްސް ކްލަބާ ހަވާލުވެ ހުރި ބަލްގޭރިއާ ކޯޗު ބުނީ، ކްލަބަކުން މުޅި ސީޒަންގައި ބައިވެރިވާ ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫންކަމަށާއި އަދި "ސީޒަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ހަތަރު ތަށި ހޯދުމަކީ އާދައިގެ ކަމެއް ނޫން" ކަމަށެވެ.
"ސީޒަންގައި ކުޅުނު ޑޮމެސްޓިކް ހުރިހާ މުބާރާތެއްގެ ހުރިހާ މެޗަކުން 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު، ހުރިހާ މުބާރާތެއްގެ ތަށި ހޯދުމުގެ އިތުރުން އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރުމަކީ، ނިއުރޭޑިއަންޓުން ހޯދި އާދަޔާ ޚިލާފް އަދި ހައިރާން ކުރުވަނިވި ނަތީޖާއެއް،" ނިއުގެ ކުރީގެ ކޯޗު ބުންޏެވެ.
ސޫރު ސްޕޯޓްސް އިން ދޫކޮށް ނުލެވޭފަދަ "ބޮޑު ހުށަހެޅުމެއް" ލިބުމުން ނިއު ދޫކޮށް އޮމާނަށް ދިއުމަށް ޕޮޕޯފް ނިންމީ މި މަހުގެ ހަވަނަ ދުވަހު އެވެ. އަދި އޭނާ ދިޔަފަހުން ނިއުއިން ކުޅުނީ ވާދަވެރި އެންމެ ދެމެޗެވެ. އެއީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗާއި ސެމީ ފައިނަލް މެޗެވެ. ޕޮޕޯފް ބުނީ ނިއުއިން އެންމެ ފަހުން ކުޅުނު ދެ މެޗުބަލާލުމުގެ ފުރުސަތު ލިބިފައި ނުވުމުން އެ ދެމެޗުގެ ކުޅުމާ ދޭތެރޭގައި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް ދެ މެޗުން ވެސް ހާސިލްކުރަން ބޭނުންވާ ލަނޑު ދަނޑިއަށް ވާސިލްވެ އެ ކްލަބުން ތާރީޚުން ޖާގަ ހޯދައިފި ކަމަށެވެ.
"މިއީ ނިއުރޭޑިއަންޓްގެ ތާރީޚްގައި ވެސް އެންމެ ކާމިޔާބު ސީޒަން. އަދި މި ސީޒަންގައި ނިއުރޭޑިއަން ސްޕޯޓްސް ކްލަބްގައި އޮތް ޓީމަކީ އެންމެ މޮޅު ފުޓްބޯޅަ ޓީމުގެ ގޮތުގައި ދިވެހި ފުޓްބޯޅައިގެ ތާރީޚްގައި ތާއަބަދަށް ލިޔެވިގެންދާނެ،" ޕޮޕޯފް ބުންޏެވެ.
ކްލަބާ ހަވާލުވިތާ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސޫރު ސްޕޯޓްސް އަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނައި "މޮޅު ކޯޗު" ބުނީ، އޭނާގެ ކުރީގެ ޓީމުން އެ ހޯދި ކާމިޔާބު، ކުރިއަށް އޮތްތާނގައި އެހެން ޓީމަކަށް ތަކުރާރު ކުރެވިދާނޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"100 ޕަސެންޓް މޮޅުވުމުގެ ރެކޯޑާއެކު ނިއުރޭޑިއަންޓް މިހޯދި ކާމިޔާބު އެހެން ޓީމަކަށް ތަކުރާރު ކުރެވިދާނޭ ކަމަށް ގަބޫލެއް ނުކުރަން،" ނިއުރޭޑިއަންޓް ހޯދި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑުގެ 99 ޕަސެންޓް ހިއްސާ އޮތް ކޯޗު ބުންޏެވެ. "ނިއުގެ މި ތާރީޚީ ކާމިޔާބުގެ ތައުރީފު ހައްގުވަނީ ކުޅުންތެރިންނާއި، މެނޭޖްމަންޓާއި، ސްޓާފުން އަދި ކްލަބްގެ ލޮބުވެތި ސަޕޯޓަރުންނަށް. ނިއުރޭޑިއަންޓްގެ މި އާދަޔާ ޚިލާފު ފުޓްބޯޅަ އާއިލާގެ މެންބަރަކަށް ވުމުގެ ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ވަރަށް ބޮޑު ޝަރަފެއް."
ޕޮޕޯފް ބުނީ، ނިއުއާއި ކިތަންމެ ދުރުގައި އުޅުނަސް އޭނާގެ ހިތުގައި އަބަދަވެއް އެ ކްލަބަށް ވަރަށް ޙާއްސަ ޖާގައެއް އޮންނާނޭ ކަމަށާއި އަދި ފުރުސަތެއް ލިބިއްޖިއްޔާ ކޮންމެވެސް ދުވަހަކުން އެނބުރި ނިއުއަށް ކޯޗުކަން ކޮށްދޭން ބޭނުން ކަމަށެވެ.
"އަހަރެން ކިތަންމެ ދުރުގައި ހުއްޓަސް، އެ ކުޅުންތެރިންނާއި، މެނޭޖްމަންޓާއި އަދި ހާއްސަކޮށް ސަޕޯޓަރުން ދިން ލޯބި ހިތުން ފިލައިގެނެއް ނުދާނެ. އަހަރެންގެ ހިތް އަބަދުވެސް ނޫކުލައަށް އޮންނާނީ. އަދި ކޮންމެވެސް ދުވަހަކުން އެނބުރި ނިއުއަށް އައުމަށް އުންމީދުކުރަން،" ނިއުރޭޑިއަންޓާ ހަވާލުވުމަށް ފަހު ކުޑަ ދުވަސްކޮޅެގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެ ލޯބި ހޯދި ކޯޗު ބުންޏެވެ.
ޕޮޕޯފްގެ އިރުޝާދުގެ ދަށުން ނިއު އިން ވަނީ އެޓީމް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މައިލޯ ޗެރިޓީ ޝީލްޑާއި، ދިވެހި ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލުން ވެސް މިއަހަރު ނިއު ޖާގަ ހޯދިއެވެ.