ރީ ރަޖިސްޓްރީކުރުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ރަޖިސްޓްރީނުކޮށް އަނބުރާ ފޮނުވާލެވިފައިވާ ފޯމްތައް އިސްލާހުކޮށް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

ރީ ރަޖިސްޓްރޭޝަން ކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ރޭ 10:00 އަށް ވަނީ ހަމަވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ ރަޖިސްޓްރޭޝަން ކުރުމަށް ފޯމް ހުށަހެޅުމަށް ރޭ 10:00 އާ ހަމައަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން އަނބުރާ ފޮނުވާލި ފޯމުތައް އިސްލާހުކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު ހެނދުނު 9:00 އިން 4:00 އަށް ކަމަށެވެ.

އިސްލާހުކޮށް އަލުން ހުށަހަޅާ ފޯމުތައް ރިޔާސީ އިންތިޚާބު 2013ގެ ރެޖިސްޓްރޭޝަނާ ބެހޭ މައި މަރުކަޒުންނާއި ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލް އިދާރާތަކާއި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް އޮފީސް ތަކާއި ކޮންސިއުލޭޓުން ބަލައިގަންނާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އަނބުރާ ފޮނުވާލި ފޯމުތައް ފިޔަވައި އެހެން އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.