ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

މިހާދިސާގައި މަރުވެފައި ވަނީ އެ އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ މީހުންގެ ތެރޭގައި ހިމެނޭ އެ ރަށު ނާޝިދާ މަންޒިލް، އަހުމަދު ޖަލީލު، 27، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވި ދެ މީހުންގެ ތެރެއިން އެކެއްގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ. އަދި ތިންވަނަ މީހާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރޭ 10:30 ހާއިރު އެ ރަށު މުހައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގު ދޫޑިގަމް އަވަށުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މަަުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ފުލުހުން އެސަރަޙައްދަށް ގޮސް އަނިޔާވި ތިން މީހުން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ހޮސްޕިޓަލުން އެ މީހުން ބެލި ޑޮކްޓަރު ބުނެފައިވަނީ އެކްސިޑެންޓްވި މީހުންގެ ބޮލަށް ގެއްލުން ލިބިފައިވާކަމަށެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ދެ މީހުން މިއަދު ހެނދުނު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.