މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް އެ މަގާމުން އިސްތިއުފާއެއް ނުދެއްވޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
~
ޕީޕީއެމްއިން އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސިޔާސީ ފިއްތުތަކާ ހެދި ވިޔަސް، އިސްތިއުފާ ދެއްވުމުގެ ހިޔާލުފުޅެއް ރައީސް ވަހީދު ނުގެންގެންގުޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"[ވަހީދަށް ދަންނަވާލަން ބޭނުންވަނީ] އެއްވެސް ގޮތަކަށް އިސްތިއުފާ ދެއްވާން ހިޔާލުފުޅު ވެސް ނުގެންގުޅުއްވާށޭ. އަދި މިކަން ދޭހަވާ ގޮތަކަށް ވާހަކަފުޅު ވެސް ނުދައްކަވާށޭ. އެއީ ވަރަށް ޣައިރު ޒިންމާދާރު ކަމެކޭ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ސަރުކާރު ދަމަހައްޓައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ޕާޓީއަކީ ޕީޕީއެމް ކަމަށާއި ކުރިއަށް އޮތްތާގައި ވެސް ސާބިތު ކަމާއި، ވަރުގަދަ ކަމާއެކު އެކަން ޕީޕީއެމުން ކުރާނެ ކަމަށް ޔާމީން މިރޭ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފިއްތުއްތަކާ ކުރިމަތިލާން ޖެހޭ ވަރުގެ ހިއްވަރުގަދަ ބޭފުޅަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މިރޭ ވެސް ރައީސް ވަހީދަށް ދަންނަވާލަން ބޭނުން ވަނީ، ތިއަށް ވުރެ ހިތްވަރު ހުރި ބޭފުޅަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެބަވާން ޖެހެއޭ. މަނިކުފާނަކަށް އިސްތިއުފާއެއް ނުދެއްވޭނެ! މަނިކުފާނަކީ ދިވެހިރާއްޖޭގެ ކަންކަން ރައްޔިތުން އެދޭ ގޮތަށް، ގާނޫނީ ހުކޫމަތާ އެއްގޮތަށް ހިންގަވައި ދެއްވުމަށް ﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ރައީސެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ 11 ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާއެއް އިންތިހާބުކުރުމަކީ ޕީޕީއެމުން ވެސް ބޭނުންވާ ގޮތް ކަމަށާއި ނަމަވެސް، އެހެން ނުވެއްޖެއްޔާ ވެސް ރައީސް ވަހީދަށް އެކަށީގެންވާ މުއްދަތަކު ވެރިކަމުގައި ހުންނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ކަން ޔާމީން ފާހަގަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ އިންތިހާބުގެ ތާރީހުތަކަށް ބަލާއިރު، ދެވަނަ ބުރަކަށް ގޮސްފި ނަމަ، ނޮވެމްބަރު 11ގެ ކުރިން އާ ރައީސަކު އިންތިހާބެއް ނުކުރެވޭނެ އެވެ. އިންތިހާބު ނުކުރެވިއްޖެނަމަ، އިންތިގާލީ މަރުހަލާގައި ވާނެ ގޮތަކާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ސެޕްޓެމްބަރު 7ގެ އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އަޅައި ހިގައްޖެނަމަ، އެ މުއްދަތާ ހަމަޔަށްދާއިރު ހުންނަ ރައީސުލްޖުމްހޫރިއްޔާ "ޑިފެކްޓޯ" ރައީސެއްގެ ގޮތުގައި މަގާމުގައި ދެމިހުންނެވިދާނެ ކަމަށެވެ. ނަމަވެސް އޭނާ މަގާމުގައި ދެމިހުރުން ދިގުދެމިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރެއްވި ނުކުތާތަކުގައިވެ އެވެ.

އެމްޑީޕީއިން ވަނީ އިންތިގާލީ ނިޒާމެއް ގާއިމްކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. މިބިލުގައި ބުނެފައި ވަނީ 11 ނޮވެމްބަރުގެ ނިޔަލަށް ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަވާލުވާނެ ކަމަށެވެ.

މިކަމާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު ރައީސް ވަހީދު ވިދާޅުވެފައި ވަނީ އިންތިހާބުގެ ތާރީހަކާމެދު ޕާޓީތަކުން އެއްބަސްނުވެއްޖެނަމަ ނޮވެމްބަރު 11ގެ ފަހުން ވެރިކަމުގައި ނުހުންނަވާނެ ކަމަށެވެ.