30 Nov 2010, 12:30
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރާ ސަރުކާރުން ހަވާލުކޮށްފައި ވަނީ ގުޑް ގަވަނަންސްގެ އުސޫލުތައް މުގުރާލުމަށްފަހުގައި ކަމަށް އިދިކޮޅު ޕީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔާމީން ރޭ ވިދާޅުވީ، އެ ޑީލްގައި ގުޑްގަވާނަންސާއާ ހިލާފަށް ސަރުކާރުން ކޮށްފައިވާ އަތަށް ކަމެއް އެބަހުރި ކަމަށެވެ.
އެކަންތައްތަކުގެ ހެކި ދައްކަވަމުން ޔާމީން ވިދާޅުވީ، ދައުލަތުގެ ތަންތަން ޕްރައިވެޓައިޒްކުރުމުގެ ބިލެއް މަޖިލީހަށް ބަލައިގަނެފައި ވަނިކޮށް، އެބިލު މަޖިލީހުން ނިމެންދެން މަޑުކޮށްލުމެއްނެތި، ޖީއެމްއާރާ އެއާޕޯޓް ހަވާލު ކުރުމަކީ ސަރުކާރުން ގުޑްގަވަނަންސްގެ އުސޫލުތަކާ ހިލާފަށް ކޮށްފައިވާކަމެއް ކަމަށެވެ. އަދި މާލިއްޔަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭނެ ކަމަށް ބުނާ ގާނޫނު ނުހަދައި އެވަރުގެ އެސެޓެއް ވިއްކާލެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެވަރުގެ އެސެޓެއް ވިއްކައިލަންވާނީ، އެކަމަށް ކަނޑައަޅާފައި އޮންނަ ގާނޫނެއްގެ ދަށުން ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު ސަރުކާރުން އެކަން ކޮށްފައި ވަނީ ގާނޫނެއްނެތި ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ މުދާތައް އެހެން ފަރާތަކަށްދޭ ނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް މާލިއްޔަތުގެ ގާނޫނަށް އިސްލާހްގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރީ ވެސް ގާނޫނު އަސާސީގައި ބުނާ ގާނޫނު ނެތުމުން ކަމަށާއި އެ ބިލަށް ވެސް މަޑުކުރުމެއްނެތި އެއާޕޯޓް ޖީއެމްއާރާ ހަވާލުކޮށްފައި ވަނީ ގުޑްގަވާނަންސްގެ އުސޫލުތައް ސަރުކާރުން މުގުރާލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖީއެމްއާރަށް އެއަޕޯޓް ދިނުމަށް އެއާޕޯޓް ކުންފުނީގެ ބޯޑު ގަބޫލުނުކުރުމުން މުޅި ބޯޑު ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، މާލޭ އިންޓަނޭޝަނަލް އެއާޕޯޓަކީ ވަކި ގާނޫނީ ޝަހުސެއްކަމަށް ކަނޑައެޅުމުގެ ބިލެއް އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެބިލު ފާސްކުރުމުން އެއާޕޯޓާ މެދު ރައްޔިތުންނަށް އިތުބާރުތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.