25 Oct 2013, 23:28
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކޮށް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ "ސާޖަންޓް އެޓް އާމްސް"ގެ މަގާމަށް ބޭފުޅަކު ހޯދަން މަޖިލީހުގެ އިދާރާއިން މިއަދުއިއުލާންކޮށްފިއެވެ.
މަޖިލީހުން މިއަދު އާންމު ކުރިއިއުލާނެއްގައިބުނެފައި ވަނީ މަހަކު 32،000ރ.ގެ މުސާރައެއް ލިބޭ ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތަކީ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކާއި އަދި އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ސަލާމަތީ ކަންކައްތައް ބެލެހެއްޓުމެވެ. އެ މަގާމަށް ކުރިމަތިލާ ބޭފުޅުން ސިފައިންގެ ލެފްޓިނެންޓުގެ މަގާމުގެ ޝަރުތު ފުރިހަމަވާން ޖެހޭނެ ކަމަށާއި އެފަދަ ދާއިރާއެއްގައި އުޅެ، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެ ކަމަށް މަޖިލީހުގެއިއުލާނުގައިވެއެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ހޮވޭ، ފަރާތަކަށް މުސާރައިގެ އިތުރުން ފޯން އެލަވަންސް ގޮތުގައި 1000ރ. ލިބޭނެ ކަމަށާއި ހަމަޖެހިފައިވާ އުސޫލުން ހެލްތު އިންޝުއަރެންސް ހަމަޖައްސައި ދޭނެ ކަމަށް މަޖިލީހުގެއިއުލާންގައިވެއެވެ.
މަޖިލިސް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ސާޖަންޓް އެޓް އާމްސްގެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާންކޮށްފައިވާއިރު، އެ މަގާމަށް އަންނަ ބޭފުޅެއްގެ މަސްއޫލިއްޔަތުގެ ތެރޭގައި މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދަ އޮތް މީހަކު ފިޔަވައި، އެ ނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު މަޖިލިސް ކުރާ މާލަމުގައި ނުބެހެއްޓުން ހިމެނެ އެވެ.
މަޖިލީހުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ބ)ގައި އެގޮތަށް ބުނެފައިވިޔަސް މަޖިލީހުގެ ދެ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރިޔަސް، އެ ހުކުމް ރައްދުވާ މެންބަރަކު ބުނެފައި ވަނީ ކޯޓުގެ ހުކުމް ބަލައިނުގަންނާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތަކުގައި ވަޑައިގަންނަވާނެ ކަމަށެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރާއެކު ސިޓީ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރު 4:00އާ ހަމަޔަށް ވެސް ހުޅުވާލާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ.