ރައްޔިތުންގެ މަޖިލީހަށް ވަދެވޭ ފަރާތްތަށް ކަނޑައަޅާނީ މަޖިލީހުގެ ރައީސް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްޑީއެފުން އެގޮތަށް ބުނެފައި ވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނަޝިޒުގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެދެބޭފުޅުން މަޖިލީހަށް ވަދެވަޑައިގަނޭތޯ އެމްއެންޑީއެފުން ބަލަންޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.

ސިފައިންނަކީ ހަމައެކަނި މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރާ ބައެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އާޒިމާއި ނާޝިޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރޭ ކުރި ހުކުމްގައި ބުނެފައި ވަނީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އާޒިމާއި ނާޝިޒު ފައިސާ ދައްކަވާފައި ނުވާކަން އެ ދެ ބޭފުޅުންގެ ފަރާތުން ޝަރީއަތުގައި ދެއްކެވި ވާހަކަތަކުން އެނގޭ ކަމަށެވެ.

ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކޮށްފައި ވަނީ އެ ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް 7 ފެބުރުއަރީ 2010ގައި ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ އެވެ.

އެ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކޯޓުން ކުރި ހުކުމުން ވަނީ ލޯނުތަކުގެ ބަދަލުގައި، ލޯނު ނެގި އިރު ބެހެއްޓި ރަހުނު ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފަ އެވެ.

އެ ހުކުމްގައި ލޯނުތައް ނުދައްކާ ނަމަ ރަހުނު ކޮށްފައިވާ ތަކެތި ވިއްކާލަން ޖެހޭނެ ކަމަށް ކޯޓުން ހުކުމްކޮށްފައިވާ އިރު އެ މަރުހަލާ ފުރިހަމަނުވަނީސް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑަނޭޅޭނެ ކަމަށް އާޒިމާއި ނާޝިޒުގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އެއީ ގާނޫނީ ގޮތުން ބުރަދަން ހުރި ވާހަތަކެއް ނޫން ކަމަށް ކަނޑައަޅައި އެ ވާހަކަތަށް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ލޯނު ދޫކޮށްފައިވާ ފަރާތެކޭ އެއްފަދައިން ލޯނަށް ގެރެންޓީދީފައިވާ ފަރާތުން ވެސް ދަރަންޏަށް ޒިންމާވާން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.