އަންނަ ނޮވެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރެޖިސްޓްރީ ކުރުމުގެ ސުންގަޑި މިރޭ 10:00 ޖެހުމާ ހަމަޔަށް ހަމަވެފައިވާއިރު، ފަހު ވަގުތު ރެޖިސްޓްރީ ކުރުމަށް ގިނަ ބަޔަކު ޖަމާވުމުން ކިޔޫ ހަދައިފި އެވެ.

ފަސޭހަ ގޮތްތަކާއެކު ވޯޓުލުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިއްޔެ ހެނދުނު ހުޅުވާލުމާއެކު،
ކުރީގެ ގޯޑައުން ހިންގި އިމާރާތް ކައިރިއަށް މީހުން ޖަމާވެ، ކިއު ހަދަން ފެށީ މިރޭ 8:30ގެ ފަހުންނެވެ. ވޯޓު ލުމަށް ރެޖިސްޓްރީ ކުރާ މަރުކަޒު ކައިރިން ހަދާފައިވާ ކިޔު މިހާރު އަމީނީމަގުން ގޮސް، އެ މަގުގެ ހުޅަނގު ފަރާތާ ދިމާލަށް ދިގުދެމިގެންދެ އެވެ. ރެޖިސްޓްރޭޝަނާމެދު ކިޔުގައި ތިބި މީހުން އެއްވެސް ޝަކުވާއެއް އަދި ނުކުރެ އެވެ.

ވަކިވަކި އާންމު ފަރުދުންނާއި ޕާޓީތަކުން ބަންޑެލިތަކުގައި ފޯމް ހުށަހެޅުމަށް ފަސޭހަ ގޮތްތަކެއް އިލެކްޝަންސް ކޮމިޝަނުން މިފަހަރު ތަނަވަސް ކޮށްދީފައިވެ އެވެ. ކޮންމެ ފަރުދަކު އެއް ފޯމު ހުށަހަޅާނަމަ އޭނާގެ ޓޯކަން ނަމްބަރު ފަސޭހަ ކަމާއެކު ޖެހެ އެވެ. ނަމަވެސް ދެ ފޯމުން ފެށިގެން 10 ފޯމު، އެކަކު ހުށަހަޅާނަމަ އޭނާގެ ޓޯކަން ނަމްބަރު ޖެހޭނީ ލަހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރެޖިސްޓްރޭޝަން ނިންމާލުމަށް ގިނަ ވަގުތު ނަގާނެ ކަމަށާއި ސުންގަޑި ހަމަވާއިރު ކިއުގައި ތިބޭ މީހުންނަށް ފޯމް ހުށަހެޅުމަށް ނަމްބަރު ދޫކުރާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާން އުޅުނު ރިޔާސީ އިންތިހާބަށް ވޯޓުލުމަށް ހުޅުވާލި 24 ގަޑިއިރުގެ މުއްދަތުގައި ނެގި ޓޯކަން ނަމްބަރުތައް ޖެހުމަށް 30 ގަޑިއެއްހާއިރު ނެގި އެވެ. އަދި ރެޖިސްޓްރޭޝަނާމެދު ގިނަ ބައެއްގެ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް "އޮއްސާލި" އެވެ. އަދި މައްސަލަ ހުރެގެން ރެޖިސްޓްރީ ނުކޮށް، ރިޖެކްޓް ކުރި ފޯމްތައް އަލުން ހުށަހެޅުމަކަށް ފުރުސަތެއް ވެސް ނުދެ އެވެ. ނަމަވެސް މިފަހަރު ރިޖެކްޓް ކުރާ ފޯމްތައް އަލުން ހުށަހެޅުމަށް އިލެކްޝަނުން ފުރުސަތުދޭނެ އެވެ.