25 Oct 2013, 21:28
ސަރަހައްދީ ތިން އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިވަގުތު ކުރިޔަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަންއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ހެދުމުގެ މަސައްކަތް މިވަގުތު ކުރަމުންދަނީ ށ. ފަރުކޮޅު އާއި ރ. އިފުރު އަދި ގދ. މާވަރުލުގައި ކަމަށެވެ. އޭގެ ތެރެއިން އިފުރުގައި ހަދާ އެއާޕޯޓް މިއަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"އިފުރު އެއާޕޯޓްގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިމިފައި. މިއަހަރުގެ ތެރޭގައި އެތަން ހުޅުވައި ބޭނުންކުރަން ފެށޭނެ ކަމުގެ އުއްމީދު އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އެންމެ ފަހުން ހަވާލުކުރި ފަރުކޮޅު އެއާޕޯޓް ހެދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. އަދި މާވަރުލުގައި ހަދާ އެއާޕޯޓްގެ މަސައްކަތް ނިމި އަންނަ އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެ އިތުރުން ނ. މާފަރާއި ދ. ކުޑަހުވަދޫ އެއާޕޯޓް ހެދުމަށް ވެސް ބަޔަކާ ވަރަށް އަވަހަށް ހަވާލުކުރެވޭނެ. އެ ދެތަނުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމުގެ އުއްމީދު އެބައޮތް،" އަމީން ވިދާޅުވި އެވެ.
ށ. ފުނަދޫ އެއާޕޯޓް ތަރައްގީކުރަނީ ސިމްޑީ ކުންފުނީގެ ހިއްސާ އޮންނަ އަރާމް ޓްރެވަލްސް އިންނެވެ. އިފުރު އެއާޕޯޓް ހަދަނީ އެގްރޯ މެރިން ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ގައްދޫ ކައިރީގައި އޮންނަ މާވަރުލުގައި އެއާޕޯޓް ހަދަނީ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމްގެ ހިއްސާ އޮންނަ މޫވިން އިންޓަނޭޝަނަލް އިންނެވެ.
އިފުރާއި މާވަރުލުގައި އެއާޕޯޓް ހެދުމަށް ސަރުކާރުން ހަވާލުކުރީ 2011 ވަނަ އަހަރު އެވެ. ފަރުކޮޅުގައި އެއާޕޯޓް ހަދަން ހަވާލުކުރީ މިދިޔަ ޖޫން މަހު 25 ވަނަ ދުވަހު އެވެ.