25 Oct 2013, 20:11
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަމިއްލައަށް ބަންދުވެގެން ހުންނެވި ނަމަވެސް، އޭނާ ހައްޔަރުކުރުމަށް މިހާރު އެއްވެސް އަމުރެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުމަށް ހާޒިރުވުމަށް ޗިޓާ ހަވާލުވުމަށްފަހު ހާޒިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރުނު ކަމަށެވެ. އަދި ބަންދުގައި ބަހައްޓައިގެން އިއްޔެ މެންދުރު 1:00ގައި ކޯޓަށް ހާޒިރުކުރަން އެ އަމުރުގައި އޮތް ނަމަވެސް އެ އަމުރުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާމިދު ހައްޔަރުކޮށްގެން ހާޒިރުކުރަން ކޯޓުން އަމުރުކުރުމާ ގުޅިގެން އޭނާ ހުރި ތަނެއް ނޭނގިގެން ފުލުހުން އޭނާގެ ފޮޓޯ ޖަހައި އިއުލާންކުރި އެވެ. އަދި ބުދަ ދުވަހު މަޖިލީހުގެ އިދާރާގެ ތެރެއަށް ވެންނެވުމަށްފަހު ކޯޓަށް ހާޒިރުވުމަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތަށް ހާމިދު ހާޒިރުކުރުމަށް ޗިޓް ފޮނުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ އެ ޗިޓް ފޮނުވާފައި ވަނީ އިމްތިޔާޒުތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި "ބައެއް ވާޖިބުތައް އަދާކުރަން ނުޖެހުން" މިމާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޝަރުއީ ކޯޓަކަށް ނުވަތަ އެހެން ވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ.
އެ ގާނޫނުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަންނަ އައުމުގަ އާއި މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސް ކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެ ކަމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނުގެ ބުނެފައިވެ އެވެ.
މަޖިލީހުގައި އަމިއްލައަށް ބަންދުވެގެން ހުންނެވުމަށްފަހު ހާމިދު ވަނީ އެމްޑީޕީން ރޭ މަޖިލިސް ދޮށަށް އެއްވުމުން މަޖިލީހުގެ ދޮރާއްޓަަށް އަރައި މީހުންނާ ވާހަކަދައްކަވައިފަ އެވެ. އަދި މަޖިލީހުގެ ތެރޭގައި ބައެއް މެމްބަރުންނާއެކު ފަރިއްކުޅުއްވާ ފޮޓޯއާއި މަޖިލިސް ދޮށަށް އަންނަ ބައެއް އާއިލާގެ މެމްބަރުންނާ ބައްދަލުކުރައްވާ ފޮޓޯތައް ޓްވީޓް ކޮށްފައިވެ އެވެ.