25 Oct 2013, 19:51
މިދިޔަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެއްސި ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަން ހިނގި ގޮތް އަޅުން ފިލުވުމަށް ފުލުސް އޮފީހަށް އިއްޔެ ސިޓީއެއް ފޮނުވައިފި އެވެ.
އެޗްއާރުސީއެމް އިން ފުލުހުންނަށް ސިޓީއެއް ފޮނުވިއިރު މިދިޔަ އަންގާރަ ދުވަހު އެ ކޮމިޝަނުން ބުނެފައި ވަނީ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުން ބާއްވަން އުޅުނު އިންތިހާބު ފުލުހުން ހުއްޓުވިކަން ކަށަވަރު ކަމަށާއި އެގޮތަށް އަމަލުކޮށްފައި ވަނީ މުއައްސަސާގެ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި ފުލުހުންގެ މައްޗަށް ކޮށްފައިވާ އޯޑަރެއްގެ ދަށުން ކަމަށް ހޯމް މިނިސްޓަރުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަހުމަދު ޝަފީއު ވިދާޅުވި ކަމަށެވެ. ނަމަވެސް މިނިސްޓަރު ޝަފީއު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
އެ ކޮމިޝަނުން ފޮނުވި ސިޓީއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންތިހާބު ފުލުހުން ހުއްޓުވީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންތޯ އާއި ކަން ސާފުކޮށް ދިނުމަށް އެޗްއާރުސީއެމްގައި މިމަހުގެ ހޯމަ ދުވަހު އެދުނު ކަމަށެވެ.
"އެ ކޮމިޝަނުން ފޮނުވި ސިޓީގައި ވަނީ އިންތިހާބު ބާއްވަން ހަމަޖެއްސި ދުވަހު ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ތަފުސީލް ހޯދުމަށް. އެގޮތުން އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށާއި އެނޫން ވެސް އިދާރާތަކަށް ފޮނުވި ލިޔުންތަކުގެ ކޮޕީ ހޯދަން ވެސް ހުށަހަޅާފައިވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްއާރުސީއެމް އިން ފޮނުވި ސިޓީގެ ޖަވާބު ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.