މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެކި ފަރާތްތަކުން ޓެކްސްގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ތެރެއިން 69.8 މިލިއަން ރުފިޔާ މިދިޔަ ތިން މަހުގެ ތެރޭގައި ހޯދައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އިއްޔެ ނެރުނު މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ވަނީ 1.05 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

މީރާއިން ބުނީ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރި 74 ފަރާތެއްގެ މައްޗަށް ފިޔަވަޅު އަޅައިގެން 5.4 މިލިއަން ރުފިޔާ މިދިޔަ ތިން މަހުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ. އަދި ދިހަ ފަރާތެއްގެ އެކައުންޓް ފްރީޒްކޮށްގެން 4.9 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓެކްސް ދައްކަން ޖެހޭ މުއްދަތު ފާއިތުވިއިރު ވެސް ނުދައްކާ ހުރި 601 ފަރާތަކުން 617،780ރ. މިދިޔަ ކުއާޓަރުގައި ދައްކާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ފައިސާ ދައްކަން 40 ފަރާތަކަށް ފުރުސަތު ދީފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.

އެ އެތޯރިޓީން ބުނީ މިދިޔަ ތިން މަހުގެ ތެރޭގައި ޓެކްސް ދެއްކުމަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން 181 ތަނެއް އޮޑިޓްކޮށް 10.7 މިލިއަން ރުފިޔާ އާއި 572،465 ޑޮލަރު ހޯދާފައިވާ ކަމަށެވެ.

މީރާއިން ކުރި އޮޑިޓްތަކުގެ ތެރެއިން ބީޕީޓީގެ 95 އޮޑިޓަކުން 348،191ރ. ހޯދިއިރު، ވިތު ހޯލްޑިން ޓެކްސްގެ 31 އޮޑިޓަކުން 6.9 މިލިއަން ހޯދާފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ. އަދި ޖީއެސްޓީގެ 30 އޮޑިޓަކުން 3.5 މިލިއަން ރުފިޔާ ހޯދިއިރު ޓީޖީއެސްޓީގެ 25 އޮޑިޓަކުން 572،465 ޑޮލަރު ވެސް ހޯދާފައިވާ ކަމަށް ވެސް ޓެކްސް އިދާރާއިން ބުންޏެވެ.