25 Oct 2013, 18:17
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހިއްސާ އާއްމުންނަށް ވިއްކުމަށް އެ ކުންފުނީގެ މިލްކިއްޔާތު އަގުކުރަން ބަޔަކު ހޯދަން ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ ނިންމައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު ވިދާޅުވީ ބޯޑު މެމްބަރުން އިއްޔެ ނިންމާފައި ވަނީ އެމްއޭސީއެލްގެ އެސެޓް ވެލިއުކުރާނެ މިނިވަން ބަޔަކު ހޯދަން ވީއެންމެ އަވަހަކަށް އިއުލާންކުރާ ގޮތަށް ކަމަށެވެ. އަދި އެސެޓް ވެލިއުކުރާނެ ބަޔަކު ހޯދަން އަންނަ އާދީއްތަ ދުވަހު އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއުލާނުގައި އަޅުގަނޑުމެން ފުރުސަތު ދޭނަން އެކަމަށް އެދި ހުށަހަޅަން ތިނެއް ނުވަތަ ހަތަރު ދުވަސް. ދެން އޭގެ ތެރެއިން ކުރިމަތިލާ އެންމެ ރަނގަޅު ފަރާތަކާ ހަވާލުކުރާނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު ވިދާޅުވީ އެމްއޭސީއެލްގެ ހިއްސާ ވިއްކުމުގެ ކަންތައްތައް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެމްއޭސީއެލްގެ ހިއްސާ ވިއްކުމަށް ޕްރައިވެޓައިޒޭޝަން ބޯޑުގެ ސިޔާސަތުތަކެއްގެ ޑްރާފްޓް ތައްޔާރުކުރަން ވަނީ އަމިއްލަ ލޯ ފާމެއް ކަމަށްވާ އެވޮންގާޑް ލޯޔާސް އާ ހަވާލުކޮށްފަ އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ އޮފިޝަލް ވިދާޅުވީ އެ ލޯފާމުން ހަތަރު ސިޔާސަތެއްގެ ޑްރާފްޓް ތައްޔާރުކުރުމަށްފަހު އެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ބޯޑުގެ މެމްބަރުން އިއްޔެ ނިންމާފައި ވަނީ އެ ހަތަރު ސިޔާސަތު އެއަށްވުރެ ފުރިހަމަ ކުރަން އަލުން އެ ލޯފާމަށް ފޮނުވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިއްސާ ވިއްކާނެ ގޮތެއް އަދި އެކަން ކުރިޔަށް ގެންދާނީ އެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑުމެން މިބަލަނީ ދެތިން ދުވަސް ތެރޭގައި އަލުން އެ ޑްރާފްޓްތައް ލިބޭނެ ކަމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ދާދިފަހުން ވިދާޅުވީ އެ އެއާޕޯޓްގެ ކޮންޓްރޯލް ދިވެހިންގެ އަތުގައި ބޭއްވުމަށް އަމިއްލަ ފަރާތްތަކަށް ހިއްސާ ވިއްކަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ 40 ޕަސެންޓް ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.