30 Nov 2010, 12:18
ގުއަންޓަނާމޯ ބޭ ޖަލުން ގައިދީން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައި ވަނީ އެމެރިކާ އިން ރާއްޖެ އަށް ފައިސާގެ އެހީ ދޭން އެއްބަސްވުމުންނާއި އަދި އެމެރިކާ އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް( އައިއެމްއެފް) މެދުވެރިކޮށް ރާއްޖެ އަށް އެހީ ހޯދައިދޭން މަސައްކަތްކުރާ ގޮތަށް އެއްބަސްވެގެން ކަމަށް ވިކީ ލީކުން ދާދި ފަހުން އާއްމުކުރި އެމެރިކާގެ ސިއްރު ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.
ގުއަންޓަނާމޯ ބޭ (ގިޓްމޯ) ޖަލުގައި މިހާރު ތިބި ގައިދީން އެހެނިހެން ގައުމުތަކުން ބަލައިގަނޭތޯ އެމެރިކާ ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކެއް "ބަސްޓު" ކޮށްލި ވިކީ ލީކުގެ ލިޔެކިޔުންތަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، ގިޓްމޯގެ ގައިދީން ރާއްޖެ ބަދަލުކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައި ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެހީ ހޯދައިދިނުމަށް އެމެރިކާ އިން އެހީތެރިވެދޭނެ މަތިން ކަމަށެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ގިޓްމޯ ޖަލު ބަންދު ކުރަން ބޭނުންވާ ގޮތް ބޮޑުކަމުން، އެކަން ހާސިލްކުރުމަށްޓަކައި ގިޓްމޯ ގައިދީން ބަލައިގަންނަން އެއްބަސްވާ އިންޑިއާ ކަނޑުގެ ސަރަހައްދުގައިވާ ގައުމުތަކަށް 25000 ޑޮލަރާއި 85000 ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ހުށަހަޅާފައިވާ ކަމަށާއި އަދި އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށް، ވިކީ ލީކްގެ ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު އީޔޫ އޮބްސާވާ ނޫހުގައި ބުނެފައިވެ އެވެ.
އެ ފައިސާ އަކީ ގައިދީންގެ ޚަރަދުތައް ބެލެހެއްޓުމަށް ދޭ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"ގިޓްމޯ ގައިދީން ފައިސާ އަށް 'ޓްރޭޑް' ކުރަނީ" މި ސުރުޚީގެ ދަށުން އެ ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނަނީ، ގިޓްމޯ ޖަލު ގައިދީން ބަދަލުކުރުމާ ބެހޭ ހާއްސަ މަންދޫބު ޑެނިއަލް ފްރައިޑް ވިދާޅުވެފައި ވަނީ މި ސަރަހައްދުގެ ގައުމުތަކަށް ދޭން ހުށަހަޅާފައިވާ ފައިސާގެ ރޭންޖުގެ ތެރެއިން އެންމެ މަތީ އަދަދު ކަމުގައިވާ 85000 ޑޮލަރާ ގާތްކުރާ އަދަދެއް ރާއްޖެ އަށް ދެވިދާނެ ކަމަށެވެ.
އެ ފައިސާ އަކީ ގައިދީންގެ ޚަރަދުތައް ބެލެހެއްޓުމަށް ދޭ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އަހްމަދު ޝަހީދު ވެސް މިއަދު ވިދާޅުވީ، ގިޓްމޯ ޖަލުން ގައިދީން ރާއްޖެ ގެނައުމަށް އެމެރިކާ ސަރުކާރުން ހުށަހެޅި ފައިސާ އަށް ރާއްޖެ އިން އެއްބަސްވެފައިވާ ކަމަށާއި އެއީ ގައިދީންގެ ޚަރަދުތައް ބެލެހެއްޓުމަށް ދިވެހި ސަރުކާރަށް އެމެރިކާއިން ދޭ މާލީ އެހީއެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި "ރިޝްވަތް" ކަމަށް ސިފަކުރެވިގެން ނުވާނެ ކަމަށާއި އެ ފައިސާ ހިމެނޭނީ ފޮރިން އެއިޑް ނުވަތަ ބޭރު ގައުމަކުން ދޭ ހިލޭ އެހީއެއްގެ ގޮތުގައި ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ގައިދީން ގެންނަން އެއްބަސްވިއިރު އައިއެމްއެފްއުން ފައިސާ ހޯދުމުގައި އެމެރިކާ އިން އެހީވުމަށް ރާއްޖެ އިން ޝަރުތުކޮށްފައިވޭތޯ ދެންނެވުމުން ޑރ. ޝަހީދު ވިދާޅުވީ، ސަރުކާރުން ކަމެއް ކުރާއިރު، އެކަމެއް ކުރުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ހުންނަ ކަމަށެވެ.
އެމެރިކާގެ ތާއީދު ނެތި އައިއެމްއެފްގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަން ފާހަގަކުރައްވައި ޑރޝަހީދު ވިދާޅުވީ، "އެމެރިކާއާ ގާތް ގުޅުމެއް ނެތި އައިއެމްއެފުން އެއްޗެއް އެޕްރޫޕް (ފާސްކުރަން) ވަރަށް ދަތިވާނެ" ކަމަށެވެ.
މީގެ އިތުރުން، ގައިދީއަކު ގެނައުމަކީ އޭގެ ޒާތުގައި ވެސް ކުރުން ރަގަޅު ކަމެއް ކަމަށް ސަރުކާރަށް ވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ، ގިޓްމޯ ގައިދީއަކު އަދި ރާއްޖެ ގެނެސްފައިނުވާ ކަމަށާއި އެހެންކަމުން އެމެރިކާއިން ދޭން ބުނާ އެއްވެސް ފައިސާއެއް ރާއްޖެއިން ހޯދާފައި ވެސް ނޯންނާނެ ކަމަށެވެ. އަދި އެ ފައިސާ ހޯދާ ނަމަ އެކަން ވަރަށް ސާފުކަން އެނގެން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނަމުން ގެންދިޔައީ ޖަލުން މީހަކު ގެންނަ އިރުގައި އެކަމަށް ހިނގާ ޚަރަދުތައް އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާނެ އޭ.. ދެން އެއީ އެމެރިކާ އިން ވެސް ސިއްރުކޮށް ކުރާ ކަމެއް ނޫން، އެއީ ވަރަށް ހާމަކޮށް ކުރާ ކަމެއް. އަދި ރާއްޖެ އަށް ވެސް އެނަމުގައި އެއްވެސް އެއްޗެއް ލިބިއްޖެއްޔާ ވަރަށް ސާފުކޮށް ފެންނަން އޮންނާނެ،" ފޮރިން މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައިނުވާ ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު މިއަދު އިތުރަށް ވިދާޅުވީ، ގިޓްމޯއިން ގެންނަން އުޅޭ ގައިދީ ރާއްޖެ ގެންނާނެ ކަމަށާއި އެކަން އަމަލީ ގޮތުން ތަންފީޒުކުރާ ހިސާބަށް ދިޔައިމަ އެމެރިކާއިން ދޭން ބުނާ ފައިސާ "ރަސްމީ ދޮރުން" ރާއްޖެ އަށް ވަންނާނެ ކަމަށެވެ.