ކައިވެނީގެ ކުރިން އިންނަން އުޅުނު ފިރިހެން މީހާއާ ވާހަކަދެއްކި ކަމަށް ބުނެ، ޔަމަނުގެ މީހަކު އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅުގެ ގައިގަ ރޯކޮށް، މަރާލައިފި އެވެ.

ބީބީސީން ބުނީ މިކަން ކުރީ ކުއްޖާގެ ބައްޕަ ކަމަށާއި މިހާދިސާ ހިނގާފައި ވަނީ ޔަމަންގެ ތައީޒް ޕްރޮވިންސްގެ ޝަބާ ކިޔާ އަވަށެއްގައި ކަމަށެވެ.

ޔަމަންގެ ފުލުހުން ބުނީ މިކަން ކުރި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބައްޕަ އަންހެން ދަރިފުޅުގެ ގައިގާ ރޯކޮއްލާފައި ވަނީ، ކައިވެނީގެ ކުރިން އިންނަން އުޅުނު ފިރިހެން މީހާއާ ފޯނުން ވާހަކަދައްކަމުންދިޔަ ކަމަށް ހީކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔަމަންގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އަންހެން ދަރިފުޅު އިންނަން އުޅުނު މީހާއާ ފޯނުން ވާހަކަދައްކަން ހުއްޓާ ބައްޕައަށް ފެނުނީ ކަމަށެވެ.

ޔަމަންގެ ގަބީލާ ސަރަހައްދުތަކުގެ އާދަކާދަތައް ބުނާ ގޮތުން ކައިވެނީގެ ކުރިން ފިރިހެން މީހާ އަދި އަންހެން މީހާ ދެމެދު އެއްވެސް ވަރެއްގެ ގުޅުމެއް އޮވެގެން ނުވެ އެވެ.

އދއިން ވަނީ ޔަމަނުގައި ހިންގޭ މިފަދަ "އޮނާ ކިލިންގްސް" ނުވަތަ އާއިލާގެ ޝަރަފަށްޓަކައި އަންހެން ކުދިން މެރުމުގެ ހާދިސާތައް އިތުރުވެފައިވާއިރު، މިކަން ކުރާ މީހުންނަށް ދެވޭ އަދަބު ލުއިކަން ފާހަގަކޮށްފަ އެވެ. މިގޮތުން މިފަދަ މައްސަލަތަކުގައި އާއްމުކޮށް އިއްވާފައިވާ ހުކުމަކީ ހަ މަސް ދުވަސް ނުވަތަ އެއް އަހަރަށް ޖަލަށް ލުމުގެ ލުއި ހުކުމްތަކެއް ކަމަށް އދ.ން ބުނެ އެވެ.