ރާއްޖެޓީވީ އިން ފޮނުވި ރިޕޯޓެއްގެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސްޕްރީމް ކޯޓުން ހުށަހެމުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރާއްޖެ ޓީވީން ފޮނުވި ރިޕޯޓުގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅުމުން ކަންބޮޑުވާ ކަމަށާއި ގާނޫނު އަސާސީގައި ބުނާ ހަމަތަކާއި ގާނޫނުތަކަށް އިހުތިރާމް ކުރުމަށާއި ހާއްސަކޮށް މީޑިއާގެ މިނިވަންކަމާއި ގުޅުންއޮތް މައްސަލައެއް ނަމަ އެ ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެންމެހައި މުވައްސަސާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ ރާއްޖޭގެ މީޑިއާގައި ފަތުރާ ހަބަރާއި މައުލޫމާތާއިމެދު އުފުލާ ޝަކުވާތަކަށް ފިޔަވަޅު އެޅުމަށް ގާނޫނީ ބާރު ލިބިފައިވާ މިނިވަން މުވައްސަސާތަކަކީ، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ޝަކުވާ ހުށަނޭޅި ނަމަވެސް މީޑިއާގައި ފަތުރާ މައުލޫމާތާއި ހަބަރުތަކުގެ ސަބަބުން ބަލަންޖެހޭ މައްސަލައެއް އޮތްނަމަ މީޑިއާ ކައުންސިލުން އެފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވެސް އަޅަމުން ގެންދާކަމަށެވެ.

އެ ނޫސްބަޔާނުގައި މީޑިއާ ކައުންސިލުން މިހާތަނަށް ބަލައި އަޅާފައިވާ ފިޔަވަޅުތަކީ ކޮބައިކަމެއް ހާމަކޮށްފައެއްނުވެ އެވެ.

ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ގެނެސްދިން ރިޕޯޓެއް ތަހުގީގުކުރުމަށް އެ ކޯޓުން ފުލުހުންނަށާއި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އެންގުމުން އެފަދަ މައްސަލައެއް ބަލަމުންދާ ފުލުހުން ބުންޏެވެ.