ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ނުރައްކާވާ ފަދަ ކަމެއް ބަޔަކު ރާވައި، ހިންގަން އުޅޭ ކަމަށް ނަޝީދުގެ އޮފީހުން ބުނުމާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ކުރިޔަށްވުރެ މިހާރު ވަނީ ހަރުދަނާކޮށްފައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ހަށިކޮޅަށް ނުރައްކާވާފަދަ ކަމެއް ބަޔަކު ރާވައި ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާކަން އިއްޔެ ނަޝީދުގެ އޮފީހުން ފޮނުވި ސިޓީއަކުން ޑިފެންސް މިނިސްޓަރާ ހިއްސާކޮށްފައިވާ ކަމަށެވެ.

"މިމައުލޫމާތާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ވެސް މިގެންދަނީ ބަލަމުން. އަދި ރައީސް މުހަންމަދު ނަޝީދުގެ ސެކިއުރިޓީ އިހުނަށްވުރެ މިހާރު ވަނީ ހަރުދަނާކުރެވިފައި،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ ކުރީގެ ރައީސުން ފެންވަރުގެ ބޭފުޅުންނަށް އެމްއެންޑީއެފްއިން ދެމުންދާ ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތަކީ އެތަނުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ އެކަމަކީ ވަރަށް ހަރުދަނާގޮތެއްގައި، އަދި ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދެވޭ ހިދުމަތެއް ކަމަށެވެ.

ނަޝީދުގެ އޮފީހުން ބުނީ ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށާއި އެކަން ކުރުމަށް އަލްގައިދާ ޖަމާއަތުގެ ދެ މީހަކު މިހާރު މާލެގައި ތިބި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

ނަޝީދުގެ ފުރާނަފުޅަށް ގެއްލުންދޭން އުޅޭ ކަމުގެ އެއްވެސް މަޢުލޫމާތެއް ޑިފެންސުގެ އިންޓެލިޖެންސަށް ލިބިފައިވޭތޯ ބަލައި ދިނުމަށާއި އެފަދަ މައުލޫމާތު ވީ އެންމެ އަވަސް ފުރުސަތެއްގައި އެ އޮފީހާ ހިއްސާކޮށް ދިނުމަށް ވެސް އެ މިނިސްޓްރީގައި އެދިފައިވެ އެވެ.