ކުވައިތު (އޮކްޓޯބަރ 25) - ހަނގުރާމަވެރި ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާއި މަސްތުވާ ތަކެއްޗާއި މީހުން މެރުމުގެ ޖަރީމާތައް ހިންގާ ގޭންގްތަކުގެ ހާއްޔަކަށް ސޫރިޔާ ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ތުރުކީއާއި ކުވައިތުގެ ޚާރިޖީ ވަޒީރުން ދެއްވައިފި އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު އަހްމަދު ދާއޫދާއި ކުވައިތުގެ ޚާރިޖީ ވަޒީރު އައްޝައިޚް ޚާލިދުލްޙަމަދް އައްސަބާޙް ކުވައިތުގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެދެބޭފުޅުން ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހިންގާ ގޭންގް ތަކުން ހިޔާވަހިކަން ހޯދާ އަދި އެފަރާތްތަކަށް ހިޔާވަހިކަންލިބޭ ނާކާމިޔާބު ދައުލަތަކަށް ސޫރިޔާ ވެގެންދިޔުމުގެ ބިރު އިތުރުވަމުންދާ ކަމުގަ އެވެ.

ކުވައިތަށް މިހާރު ވަޑައިގެން އުޅުއްވާ ތުރުކީގެ ޚާރިޖީ ވަޒީރު އަހްމަދު ދާއޫދު ކުވައިތަށް ވަޑައިގެން އުޅުއްވަނީ ދެގައުމުގެ ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން އުފައްދާފައިވާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކަ އެވެ. އެދެބޭފުޅުންގެ ރަސްމީ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ދެގައުމުގެ ގުޅުންތައް ހަރުދަނާކުރުމުގެ އިތުރުން ސޫރިޔާގެ މައްސަލައާމެދުގަ އެވެ. ކުވައިތާއި ތުރުކީއަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުފެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް އެހީތެރިވާ ދެގައުމެވެ.

ތުރުކީއާއި ކުވައިތުގެ ޚާރިޖީ ވަޒީރުން ވިދާޅުވީ ސޫރިޔާގެ ބޮޑުބައެއް މިހާރު ފަނާވެފައިވާއިރު އެގައުމުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި ގޭންގް ތަކުގެ ނުރައްކާ އަވަށްޓެރި ގައުމުތަކަށް ފޯރުމުގެ ބިރުވެސް މިހާރު ބޮޑުވެފައިވާ ކަމުގަ އެވެ. ކުވައިތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސޫރިޔާގެ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކުގައި އެގައުމުގެ ލައްކައަކަށްވުރެ ގިނަ ރައްޔިތުން މަރުވެ މިލިޔަނަކަށްވުރެ ގިނަ ރައްޔިތުން ޒަޚަމްވެ އެތަށް މިލިޔަން ބައެއްގެ ގެދޮރުގެއްލި ހާލުގައިޖެހި ފައިވާއިރު ސޫރިޔާގެ ރައްޔިތުންގެ ގިނަބަޔަކު ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަންޖެހިފައިވާ ކަމުގަ އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު އަހްމަދު ދާއޫދު ވިދާޅުވީ ސޫރިޔާގެ ރައްޔިތުންގެ ގިނަބަޔަކު ހައިހޫނުކަމުގެ ސަބަބުން ބުޅަލާއި ކުއްތާފަދަ ތަކެތީގެ މަސްކާންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށާ މިއީ ބަލަންތިބެވޭ ފަދަ މަންޒަރެއް ނޫންކަމުގަ އެވެ. އަދި ސޫރިޔާގައި މާބަނޑު އަންހެނުންގެ ގަޔަށް ބަޑިޖަހައި މަރާލެވެމުންދާކަމީ ހަގީގަތެއް ކަމަށާ މިތަން ބަލަންތިބުމަކީ އިންސާނީ ޒަމީރަށް ކެތްކުރެވޭނެ ކަމެއް ނޫންކަމުގައެވެ. (ރޮއިޓާސް)