ބްރަސަލްސް (އޮކްޓޯބަރ 25) - ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި މިހާރު ކުރިޔަށްދާ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވެމުންދަނީ ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށާއި އެގައުމުތަކުގެ އިސް ލީޑަރުންނަށް އަމާޒުކޮށްގެން އެމެރިކާ ކުރިޔަށްގެންދާ ޖާސޫސީ ހަރަކާތްތަކުގެ މައްސަލަ ކަމަށް ޔޫރަޕިޔަން ކައުންސިލްގެ ރައީސް ހެރްމަން ވާން ރޮމްޕީ ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ ސަމިޓްގެ ފުރަތަމަ މަޝްވަރާތަކަށްފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހެރްމަން ވިދާޅުވީ ޔޫރަޕާއި އެމެރިކާގެ ގުޅުންތައް ކުރިޔަށް ދާންޖެހޭނީ ޖާސޫސުކުރުމުގެ މައްޗަށް ނޫން ކަމަށާ މިގުޅުންތައް ބިނާވެގެން ދާންޖެހޭނީ އިތުބާރާއި އިހްތިރާމްގެ މައްޗަށް ކަމަށް ޔޫރަޕްގެ ލީޑަރުން އެއްބަސްވެ ވަޑައިގަންނަވާ ކަމުގަ އެވެ.

ޔޫރަޕްގެ ސަމިޓް ފެށުނުއިރު އެމެރިކާއިން ފަރަންސޭސި ރައްޔިތުންގެ ފޯންކޯލްތައް ސިއްރިޔާތުގައި އަޑުއެހުމުގެ މައްސަލައާއި ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލްގެ ފޯންކޯލްތައް ސިއްރިޔާތުގައި އަޑުއަހާފައިވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

މި މައްސަލައާ ގުޅިގެން ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލްވަނީ ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ޖަރުމަނުވިލާތުން އެމެރިކާއާއެކު ބާއްވާ ގާތްގުޅުންތައް އަލުން މުރާޖަޢާ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ބްރަސަލްސް އަށް ވަޑައިގެން ދެއްވި ބަޔާނެއްގައި މާކަލް ވިދާޅުވީ އެމެރިކާއާއި ޖަރުމަނުވިލާތަކީ ވަރަށް ގާތްގުޅުންތަކެއް އޮންނަ ރަހްމަތްތެރި ދެބައިވެރިން ކަމަށްވާއިރު ބައިވެރިންގެ މެދުގައި ގުޅުންތައް ގާއިމް ކުރަންޖެހޭނީ އިތުބާރާއި ޔަގީން ކަމުގެ މައްޗަށް ކަމަށާ ޖާސޫސޫ ކުރުމާއި ސިއްރިޔާތުގައި ފާރަލުމުގެ މައްޗަށްނޫން ކަމުގަ އެވެ.

އެމެރިކާގެ ޖާސޫސީ މައްސަލާގައި ޖަރުމަނާއި ފަރަންސޭސިވިލާތުންވެސް އެ ދެގައުމުގައި ތިއްބަވާ އެމެރިކާގެ ސަފީރުން އެދެގައުމުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އެކަމާބެހޭގޮތުން އެބޭފުޅުންނާވަނީ ސުވާލުކޮށްފަ އެވެ. މާކަލް ވިދާޅުވީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ އެއްބާވަތެއްގެ ނުރައްކާތަކާއި ގޮންޖެހުންތަކެއް ކުރިމަތިވާ ރަހްމަތްތެރި ބައިވެރިން ކަމަށާ މި ރަޙްމަތްތެރިކަމާއި ބައިވެރިވަންތަކަމުގެ ގުޅުންތައް ބިނާވެގެންދާންޖެހޭނީ އިތުބާރާއި ޔަގީންކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމުގެ މައްޗަށް ކަމުގަ އެވެ. ޖާސޫސުކުރުމާއި ސިއްރިޔާތުގައި އެއްބަޔަކު އަނެއް ބަޔަކަށް ފާރަލުމުގެ މައްޗަށް ނޫންކަމުގަ އެވެ.

އެމެރިކާއިން މާކަލްގެ ފޯންކޯލްތައް އަޑުއަހައި އޭނާއަށް ޖާސޫސުކުރާ ކަމުގެ މައުލޫމާތާގުޅިގެން މިދިޔަ ބުދަދުވަހު އޭނާވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ފޯނުން ގުޅުއްވާފަ އެވެ.

ޖަރުމަނު ސަރުކާރުން ބުނެފައިވަނީ މާކަލްގެ ފޯންކޯލްތައް ސިއްރިޔާތުގައި މިހާރު އަޑުއަހަމުން ނުދާ ކަމުގެ ޔަގީންކަން އޮބާމާ ދެއްވި ކަމަށާ ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން މާކަލްގެ ފޯންކޯލްތައް ސިއްރިޔާތުގައި އަޑުއަހައި އޭނާއަށް ޖާސޫސުކޮށްފައި ނުވާކަން އޮބާމާވެސް އަދި ވައިޓް ހައުސްއިންވެސް ކަށަވަރުކޮށް ނުދޭކަމުގަ އެވެ. މިމައްސަލާގައި އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލެޓާ ވެސް ވަނީ އެމެރިކާ އަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޔޫރަޕްގެ ލީޑަރުންގެ ފާޑުކިޔުންތަކާ ގުޅިގެން އެމެރިކާގެ މަސްއޫލުވެރިން "ލަދުވެތިވެ ކަރުތާފެނުގައި ވާކަމަށް" މުރާސިލުންވަނީ ސިފަކޮށްފަ އެވެ. މިމައްސަލާގައި އެމެރިކާއާމެދު ޔޫރަޕްގެ އިތުބާރު ވަރަށްބޮޑަށް ގެއްލިފައިވާ ކަމަށާ މިއިތުބާރު އަލުން ކަށަވަރުކުރުމަށް އެތަށް އަހަރެއް ނަގާނެ ކަމަށްވެސް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)