25 Oct 2013, 15:28
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 2.40 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.7 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 11.9 ޕަސެންޓް އިތުރުވެފަ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާއެއްކޮށްފައި ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ން ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 75.96 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު 12 ޕަސެންޓްގެ އިތުރުވުމެކެވެ. ޑޮލަރުން ލިބުނު އާމްދަނީ މިހާ ބޮޑަށް އިތުރުވި ސަބަބަކީ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ އާއި ޓޫރިޒަމް ޖީއެސްޓީ އަދި ބީޕީޓީގެ ގޮތުގައި ލިބުނު ޑޮލަރު އިތުރުވުމުން ކަމަށް މީރާއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް ލިބުނު އާމްދަނީ ވަނީ 7.06 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23.8 ޕަސެންޓްގެ އިތުރުވުމެއް ކަން ވެސް މީރާއިން ފާހަގަކޮށްފައިވެ އެވެ.
މީރާއިން ލަފާކުރާ ގޮތުގައި މިއަހަރުގެ ފަހު ތިން މަހު އާމްދަނީގެ ގޮތުގައި 1.67 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ ގާތްގަނޑަކަށް 20 ޕަސެންޓް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ތިން ވަނަ ކުއާޓަރުގައި މީރާގައި 2،409 ވިޔަފާރި ރަޖިސްޓްކޮށްފައިވެ އެވެ. އަދި މިހާތަނަށް ޖުމްލަ 17،424 ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް މިރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.