25 Oct 2013, 01:41
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިޔަސް، އެ ކޯޓުގެ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށާއި އެ ދެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް އިމްތިޔާޒު ކޮމެޓީން ފާސްކޮށްފި އެވެ.
އިމްތިޔާޒު ކޮމެޓީން އެގޮތަށް ފާސް ކުރީ އެ ކޮމެޓީގެ ބައްދަލުވުމަށް މިރޭ ހާޒިރުވި ހަ މެންބަރުންގެ ތެރެއިން އެމްޑީޕީގެ ހަތަރު މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމް ސައްހަ ނޫން ކަމަށާއި އާޒިމާއި ނާޝިޒުގެ ގޮނޑި ނުގެއްލޭ ކަމަށް ފާސް ކުރުމަށް ވޯޓު ދެއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
ކޮމެޓީގެ މުގައްރިރަކަށް އިންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަކަށް ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވެ އެވެ. ނަމަވެސް މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި އިންނަވާ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު ކޮމެޓީގައި ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
އަބްދުލްޣަފޫރު މޫސާ "ސަން"އަށް މިރޭ ވިދާޅުވީ ކޮމެޓީން އެގޮތަށް ނިންމީ ޝަރީއަތުގެ އިޖުރާއަތްތައް ފުރިހަމަ ނުކުރައްވައި ކުރެއްވި ހުކުމެއް ކަމަށް މެންބަރުންނަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފައި ވާތީ ސުޕްރީމް ކޯޓުގެ ހުކުމް ސައްހަ ކަމަށް ގަބޫލު ކުރަން ދަތި ކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.
"އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް މެންބަރުންނަށް ގަބޫލު ކުރެވޭތީ އެގޮތަށް ނިންމެވީ. ނަޒާހާތްތެރިކަން ގެއްލިފައި ހުރި ފަނޑިޔާރަކާއި ޝަރީއަތުގެ އިޖުރާއަތްތައް ފުރިހަމަނުކޮށް ނިންމާ ނިންމުމަކީ ސައްހަ ނިންމުމަކަށް ނުވާނެތީ އެގޮތަށް ނިންމީ،" ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.
އާޒިމާއި ނާޝިޒުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނުގެ ރައުޔަކާ ނުލަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހުކުމް އިއްވި ޝަރީއަތުގައި މުއުތަސިމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ބަންދު ތެރޭގައި އާޒިމާއި ނާޝިޒުގެ މައްސަލަ ދިރާސާކޮށް އަންނަ ހަފުތާގެ ތެރޭގައި ރައުޔު ތައްޔާރު ކުރަން އުޅުމުން އެ ކޯޓުގެ ބައެއް ފަނޑިޔާރުން އެކަމާ ދެކޮޅު ހެއްދެވި ކަމަށެވެ. އެ މައްސަލާގައި އޭނާ ބެންޗުން ވަކިކޮށް އެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލުމަށް ބައެއް ފަނޑިޔާރުން ހުށަހެޅުއްވި ކަމަށް މުއުތަސިމް ވިދާޅުވި އެވެ. އާޒިމާއި ނާޝިޒުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލަ ދިރާސާ ކުރުމަށް ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ އެއްވެސް ގޮތަކަށް ރައުޔު ނެރުއްވެން ނެތް ކަމަށް މުއުތަސިމް މިއަދުގެ ޝަރީއަތުގައި ވިދާޅުވި އެވެ.
އާޒިމާއި ނާޝިޒުގެ މައްސަލާގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މިއަހަރުގެ ކުރީ ކޮޅު ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އާޒިމާއި ނާޝިޒަކީ އިމްތިޔާޒު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ދެ މެންބަރުންނެވެ. ނަމަވެސް މިރޭގެ ކޮމެޓީގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައި ނުގަންނަވަ އެވެ.