25 Oct 2013, 00:36
ކޮލަމްބިއާ ލީގުގެ ކްލަބެއް ކަމަށްވާ އިންޑިޕެންޑެންޓޭ ސަންޓާ ފޭ އެ ޓީމު ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗެއްގައި "އަވޭ ކިޓް" ގެންނަން ހަނދާން ނެތިގެން ކްލަބްގެ ފޭކް ޖޯޒީތަކެއް ގަނެގެން މެޗު ކުޅެފި އެވެ.
ބޮޔާކާ ޗިކޯސްއާ ދެކޮޅަށް ހޯމަ ދުވަހު ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗަށް ސަންޓާފޭ ދިޔައީ ލީގުގައި ޓީމުން މިފަހަކަށް އައިސް މެޗަކުން މޮޅުނުވެ ގުނަމުން ދިޔަ ސިލްސިލާއަށް ނިމުމެއް ގެނައުމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް މެޗު ކުޅެންވެގެން ޓީމުގެ ކުޅުންތެރިން ޑްރެސިން ރޫމަށް ދިޔަފަހުން މުޅި ކްލަބަށް ސިހުންގެނުވީ ކިޓް މެނޭޖަރު ހަނދާން ނެތިގެން ޓީމުގެ އަވޭ ކިޓް ނުގެނެވުމުންނެވެ. ޗިކޯއިން ސަންޓާފޭއާ ދެމެދު ހަތަރު ގަޑިއިރުގެ ދަތުރެއް ކުރަން ޖެހެ އެވެ.
އިދިކޮޅުޓީމުގެ ދަނޑުގައި ކުޅޭ މެޗަކަށް ވުމާއި އަދި ދެ ޓީމުގެ "ހޯމް ކިޓް"ގެ ކުލަ އެއްގޮތް ވުމުން މައްސަލައަށް ހައްލެއް ގެނައުމަށް އިތުރު ދަތިތަކަކާ ދިމާވި އެވެ. ބޮޔާކާއިން ބޭނުންވީ އެ ކްލަބްގެ ހޯމް ޖާޒީގައި ކުޅޭށެވެ.
އެހެން ނަމަވެސް ކްލަބްގެ ކިޓް މެނޭޖަރު އޭނާގެ ވަޒީފާ ސަލާމަތް ކުރުމަށް ކުރަމުން ދިޔަ ފިކުރުގައި މޮޅު ވިސްނުމެއް އައެވެ. މެޗު ކުޅޭ ސްޓޭޑިއަމްގެ ބޭރަށް ނުކުމެ، މަގުމަތީ ހުރި ގާޑިޔާ ތަކުން 3.5 ޕައުންޑަށް އެ ކްލަބްގެ "ފޭކް" އަވޭ ޖޯޒީ ތަކެއް ގަނެލި އެވެ. އަދި ޖާޒީތަކުގެ ފަހަތުގައި ޓޭޕް އަޅައިގެން ނަމްބަރުތަށް ހަރުކޮށް ކަޅު ކުލައިގެ މާކަރަކުން ނަންބަރުތައް ކުލަ ޖައްސާލި އެވެ. އެއަށް ފަހު ޓީމުގެ ކުޅުންތެރިން ކުޅެން އެރީއެވެ.
ސަންޓާފޭގެ ޖޯޒީ ފޭކު ނަމަވެސް އެ ޓީމުގެ ނަސީބު އެދުވަހު ފޭކެއް ނުވި އެވެ. މިއަހަރުގެ އޯގަސްޓް މަހުން ފެށިގެން މެޗަކުން މޮޅުނުވެ އޮތް ޓީމު އެ މެޗު ނިންމާލީ 2-0 އިން މޮޅުވެގެންނެވެ.
ސަންޓާ ފޭގެ ތަރުޖަމާނު ޕަބްލޯ ގާސިއާ ބުނީ، ޗިކޯއިން ޖޯޒީގެ މައްސަލަ ހައްލު ކުރުމުގައި އެހީތެރިވެ ނުދިން ނަމަވެސް މެޗުން މޮޅުވުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ.
"އަހަރެމެން ވަރަށް އުފާވެއްޖެ. ސަބަބަކީ ޗިކޯ އިން މައްސަލަ ހައްލުކުރުމުގައި އެއްބާރުލުން ދިނުމުގެ ބަދަލުގައި ބެލީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން،" ސަންޓާފޭ ގެ އޮފިޝަލް ބުންޏެވެ.