30 Nov 2010, 11:55
ބެހިގެން ރާއްޖެ އަންނަ ސޯމާލިޔާގެ މީހުން ތަހުގީގުގައި ބުންޏަސް ނުބުންޏަސް އެ މީހުންނަކީ ކަނޑުފޭރޭ މީހުން ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.
ކޯސްޓްގާޑް ބިލްޑިންގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބްރިގޭޑިޔާ ޖެނެރަލް މޭޖާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ސޯމާލިޔާ ސަރަހައްދުގައި ހިނގަމުންދާ ކަނޑުފޭރުން ނުވަތަ މެރިން ޕައިރަސީގެ ހަރަކާތްތަކަކީ 2006 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ ކަމެއް ކަމަށާއި ބެހިގެން ރާއްޖެ އަންނަމުންދާ ސޯމާލިޔާގެ މީހުންނަކީ "ވަރަށް ނުރައްކާތެރި ބައެއް" ކަމަށެވެ.
"އެމީހުން ބުންޏަސް ނުބުންޏަސް އެމީހުންނަކީ ކަނޑުފޭރޭ މީހުން،" ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.
ޒަކަރިއްޔާ ވިދާޅުވީ ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް ކަނޑުމައްޗަށް ގަދަވުމުގެ ސަބަބުން ސުއޭސް ކެނެލްގެ ތެރެއިން ރެޑްސީއަށް ނުކުންނަ ބޮޑެތި މާޗެންޓް އާގުބޯޓު ފަހަރަށް ދަތުރު ނުކުރެވޭ ހިސާބަށް ހާލަތު ބަދަލުވެފައިވާ ކަމަށެވެ. އެ މަގުން ދުނިޔޭގެ ގައުމުތަކަށް ބޭރުކުރާ ކާގޯ ގްޑްސް ބަންދުވެ އެތަކެއް ސަތޭކަ ބޯޓު ފަހަރު ހައިޖެކްކޮށް ފޭރެމުންދާތީ އީޔޫގެ ޓާސްފޯހަކާއި ގުޅިފައިވާ ގައުމުތަކުގެ ޓާސްފޯހެއް ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދަނިކޮށް ރާއްޖެ މި އަންނަ އުޅަނދުތަކަކީ އެ ޓާސްފޯސްތަކުގެ މާ ބޭރުން ފުރޭނިގެން އަންނަ އުޅަނދުތައް ކަމަށް ވެސް ވިދާޅުވި އެވެ.
"މިޒާތުގެ ގިނަ އުޅަނދުތައް މި ހަރަކާތްތެރިވަނީ ޓާސްފޯހުގެ މާބޭރުގައި،" ޒަކަރިއްޔާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދުވާލަކު ކޮންމެ ވަގުތަކު، ކޮންމެ ހިނދެއްގައި މި ބާވަތުގެ 400 އާއި 500 އާ ދެމެދުގެ އުޅަނދުތައް ކަނޑުމަތީގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ރާއްޖެއާ ލައްވައިލަނީ އޭގެ ތެރެއިން ވަރަށް މަދު އުޅަނދެއް ކަމަށެވެ.
މީގެ ދެއަހަރެއްހާ ދުވަސް ކުރިން ފެށިގެންނާއި އަދި މީގެ ދެދުވަސް ކުރިންނާއި މިއަދު ފެނުނު ސޯމާލިޔާގެ މީހުންނާއި އުޅަނދުތަކަށް އިޝާރާތްކޮށް ޒަކަރިއްޔާ ވިދާޅުވީ ރާއްޖެ އަންނަމުންދާ އުޅަނދުތަކަށް ބަލާއިރު އެ ޑިންގީތަކަކީ ކޮންމެވެސް މަދާ ވެސަލެއްގެ ކައިރީގައި އުޅޭ ކުދި އުޅަނދުތައް ކަމަށް ބެލޭވޭ ކަމަށާއި އެމީހުން ބެހިގެން ރާއްޖެއާ ލައްވައިލަނީ ކޮންމެވެސް މާޗެންޓް އާގުބޯޓެއް ނުވަތަ ޔޮޓަކަށް އަރައި ހައިޖެކްކޮށް، ފޭރުމަށް މަސައްކަތް ކުރަނިކޮށް ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މަދާ ވެސަލް ކައިރިން ނައްޓާލައިގެން މިދަނީ ކޮންމެސް އާގުބޯޓެއް، ޔޮޓެއް ހައިޖެކްކޮށް ފޭރިގަންނަން އެހެންދާ ދިއުމުގައި ކޮމިއުނިކޭޝަން ފޭލްވެގެން ނޫނީ ކޮންމެވެސް އެހެން ގޮތެއް މެދުވެރިވެގެން، ކަނޑު ގަދެވެގެން އެކަންކަމުން ނެއްޓި ބެހިގެންދާ އުޅަނދުތައް ރާއްޖެ މި އަންނަނީ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މި ކުދި އުޅަނދުތައް ދޫކުރާ މަދާ ވެސަލްތައް ރާއްޖެއާ 200 މޭލަށް ކައިރިވާ ކަމަށާއި ބައިނަލް އަގުވާމީ ޕައިރަސީ މޮނިޓަރިން ބޮޑީތަކުން ގައުމީ ދިފާއީ ބާރާއެކު އެފަދަ މައުލޫމާތުތައް ހިއްސާކުރާ ކަމަށެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ރާއްޖެއަށް ވަނީ ސޯމާލިޔާގެ ޑިންގީތައް މީހުނާއެކު ގޮނޑުވާން ފަށައިފަ އެވެ.
ފުރަތަމަ އައްޑު އަތޮޅަށެވެ. އޭގެ ފަހުން ހދ. އަތޮޅުންނެވެ. ދެން ނ. އަތޮލާއި ހުވަދު އަތޮޅާއި ފުވައްމުލަކަށެވެ. މިހާރު އެކި ފަހަރު މަތިން އެހެން އައި އުޅަނދުތަކުން ރާއްޖޭގައި އެފަދަ 34 މީހުން އެބަތިއްބެވެ.
މި އެންމެންގެ ތަހުގީގު ހިނގަމުންދާއިރު އެމެރިކާގެ ޕެސފިކް ކޮމާންޑާ ގުޅިގެން ސޯމަލިޔާގެ ބަސްދަންނަ މީހުން ގެނެސްގެން އެމީހުން ޕައިރަސީ ނެޓްވޯކް ހަރަކާތެރިވާ ގޮތް ބަލަމުން އަންނަ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
‹ދުވާލަކު ކޮންމެ ވަގުތަކު، ކޮންމެ ހިނދެއްގައި މި ބާވަތުގެ 400 އާއި 500 އާ ދެމެދުގެ އުޅަނދުތައް ކަނޑުމަތީގައި ހަރަކާތްތެރިވަމުންދޭ›
އޭނާ ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ބައެއް ކަމަށާއި އެފަދަ އުޅަނދުތައް ފުރޭނިގެން ރާއްޖައުން ކޮންޓްރޯލް ކުރުމަށް ކުރެވެންން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
"އެ މީހުންގެ އުޅަނދުތަކުގައި ހަތިޔާރެއް ނުހުރޭ. އެކަމަކު އެމީހުންގެ ހާލު ދެރައެއް ނޫން. އިންޖީނު ވެސް ރަނގަޅު ތެޔޮ ވެސް ހުރޭ. މޮބައިލް ފޯނުގެ ބާރު ވެސް ހުރޭ. އަޅުގަނޑުމެން ލަފާ ކުރަނީ މަދާ ވެސަލްތައް ކައިރިން ނައްޓާލައިގެން ފޭރެން ދާދިއުމުގައި ހާލުގައި ޖެހުމުން ތެލާއި އެއްޗެހި ރައްކާކުރުމަށް އިނޖީނުތައް ނިވާލަނީ ކަމަށް. އެހެން އޮޔާ ބެހެމުން ގޮސް ކޮންމެސް ތަނެއް ފެނުނީމާ ދުއްވަނީ. އެއީ ކަނޑުމަތީގައި އެމީހުން ކަންތައް ކުރާ ގޮތް. އަޅުގަނޑުމެން ފެނުނީމާ މަސްވެރިން ކަމުގައި ދެއްކިގެން ތިބެނީ އެމީހުންގެ ކަވަރަކީ މަސްވެރިން، މަސްވެރިން ބޭނުން ކުރާ ދާ ވެސް ހުންނާނެ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
ޒަކަރިއްޔާ ވިދާޅުވީ ފުރޭނިގެން ސޯމާލިޔާގެ އުޅަނދުތައް ރާއްޖެއަށް ވަނުމުން މަސްވެރިންނަށް ފެނުނު ކަމުގައި ވިޔަސް ކޯސްޓްގާޑާއި ފުލުހުންނާ ނުގުޅައި އެފަދަ އުޅަނދުތަކަށް ނޭރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.