24 Oct 2013, 22:53
ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލްކޮށް، މަޖިލީހުގެ މެންބަރުން ގޮނޑިތަކުން ދުރުކުރަމުން ގެންދަވާނަމަ ރާއްޖެ މި ދަނީ ތަޅާފޮޅުމަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަން ކުރަންޖެހޭ ދެ މެންބަރަކު އެ ކޮމިޝަނަށް އައްޔަން ނުކުރާ މައްސަލާއި މަޖިލިސް ކައިރީގައި އެމްޑީޕީން ކުރާ އިހްތިޖާޖުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމް ކުރީ ޝަރުއީ ހަމަތަކުން ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ ކަންކަން މިހާރު ހިނގަމުންދަނީ ގާނޫނީ ގޮތުން ހިނގަންޖެހޭ ގޮތަށް ނޫން ކަމަށް ގާނޫނީ ވަކީލުން ލަފާދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިހާރު ފެންނަ ކަންތައްތަކުން "މި ބޭފުޅުން" ތައްޔާރުވަމުން ދަނީ ތަޅާފޮޅުމަކަށް ކަމަށާއި އެބޭފުޅުން ތަޅާފޮޅުމަކަށް ވަޑައިގަންނަވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އުޅުއްވަނީ "އަޅުގަނޑުމެންގެ އެންމެ ގާތް މީހާގެ ގޭގެ މަތީ ބުރީގައި" ކަމަށާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ވެސް ދިރިއުޅުއްވަނީ "އަޅުގަނޑުމެންގެ ދެން ހުންނަ މީހެއްގެ ޖެހިގެން ހުންނަ ފުލެޓެއްގައި" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަބްދުﷲ ސައިދު ވެސް އުޅުއްވަނީ އެނެއް ގޭގެ ފުލައިޓުގައި. މާލެއަކީ ކުޑަކުޑަ ތަނެއް ކަމާއި މިތަނުގައި އެކަކާ އަނެކަކާ ޖެހިޖެހިގެންކަން މި އުޅުއްވަނީ. އެހެންވީމަ މިހާ ބޮޑަށް އެބޭފުޅުން ތަޅާފޮޅުމުގެ ތެރެއަށް މިރާއްޖޭ ގެންދެވުމަށް ވިސްނަވާ ކަމީ، އަޅުގަނޑު ކަންބޮޑުވާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ނޭދެން މި ރާއްޖޭގައި ތަޅާފޮޅުން އުފެދޭކަށް. އެހެން ނަމަވެސް މި އިންތިހާބު ބާތިލް ކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑިތަކުން ދުރުކުރަމުން ގެންދަވާ ކަމުގައިވަންޏާ އަޅުގަނޑަށް ފެންނަ ގޮތުގައި މި ރާއްޖެ މިދަނީ ތަޅާފޮޅުމަކަށް. އަޅުގަނޑު ފަނޑިޔާރުންނަށް އާދޭހާއެކު ދަންނަވަން އެހެން ނުހައްދަވާށޭ. ދިވެހިރާއްޖެ ތަޅާފޮޅުމެއްގެ ތެރެއަށް ނުގެންދަވާށޭ،"
ގައުމު "ހާސް ކަމެއްގެ ތެރޭގައި" ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެއް ހަފްތާގެ ޗުއްޓީއެއް ނެންގެވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފަ އެވެ. ނަޝީދު ވިދަޅުވީ ރައީސް ވަހީދު ޗުއްޓީއަށް ވަޑައިގެންނެވުމަކީ "ގައުމު ދެކެ ލޯބިވާ ދަރިއަކު ކަން ކޮށްފާނެ ގޮތެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެން ހުރިހާ އެންމެން ހާސްކަމެއްގެ މައްޗަށް ގެންނަވާފައި އެ ފުރައި ވަޑައިގެންނެވީ އަނބިކަނބަލުންނާއެކު ޗުއްޓީފުޅަކަށޭ ވިދާޅުވެ، ސިންގަޕޫރުން ބެންކޮކުން ތައިލެންޓަށް މިތަންތަނަށް ވަޑައިގެންނެވީ. އަޅުގަނޑު ދަންނަވާނީ އެއީ އެއްގޮތަކަށް ވެސް މި ގައުމު ދެކެ ލޯބިވާ ދަރިއަކު ކަންކޮށްފާނެ ގޮތެއް ނޫނޭ،" ނަޝީދު ވިދާޅުވި އެވެ.