ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ ގޮނޑިގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމް ނެރުނަސް، އެ ހުކުމް ބަލައިނުގަންނާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސުން އާޒިމާއި ނާޝިޒުގެ ގެރެންޓީ ދެއްވައިގެން ނަންގަވާފައިވާ ލޯނުތަކެއް ކޯޓުގެ ހުކުމާ އެއްގޮތަށް އަނބުރާ ނުދެއްކެވި މައްސަލައިގައި ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިރޭ ހުކުކޮށްކޮށްފަ އެވެ. ހުކުމްގައި ވަނީ އެ ހުކުމްކުރާ ވަގުތުން ފެށިގެން އެ ދެ މީހުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

އާޒިމް މިރޭ ވިދާޅުވީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް "ޕާސަނަލީ" ގަބޫފުޅު ނުކުރައްވާ ކަމަށާއި ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމަކީ އިންސާފުގެ ތެރެއިން ނެރުނު ހުކުމެއް ނޫން ކަން މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ގަބޫލު ކުރައްވާނެ ކަމަށެވެ.

"ޕާސަނަލީ ގޮނޑި ގެއްލިއްޖެ ކަމަށް ގަބޫލު ނުކުރަން. ހޮނިހިރު ދުވަހު އޮންނަ ޖަލްސާގައި ވެސް ބައިވެރިވާނަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ގަބޫލު ކުރާނެ، އެއީ އިންސާފުގެ ތެރެއިން ނެރުނު ހުކުމެއް ނޫން ކަން. މަދަނީ ކޯޓުން އަޅުގަނޑަށް ލިޔުން ވެސް ދީފައި އޮތް ދުވަހަކު ވެސް އަޅުގަނޑުގެ ސާބިތު ދަރަންޏެއް މިތާކު ރަޖިސްޓްރީވެފައި ނެތޭ. ސާބިތު ދަރަންޏެއް ނެތި ނެރޭ ހުކުމަކީ އަޅުގަނޑު ގަބޫލު ކުރާނެ ހުކުމެއް ނޫން،" މަޖިލިސް ތެރޭ ހުންނަވައި "ރާއްޖެ ޓީވީއަށް" ދެއްވި އިންޓަވިއުއެއްގައި އާޒިމް މިރޭ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސަރުކާރުން ވެސް އަދި މަޖިލީހުން ވެސް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އާޒިމް ވަނީ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހަތަރު ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އާޒިމާއި ނާޝިޒްގެ ގޮނޑި ގެއްލިފައިވާ ކަމަށް އަގުލަބިއްޔަތު ލިބުނު ހަތަރު ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު މުހައްމަދެވެ.

"ގާނޫނު އަސާސީއާ ހިލާފަށް ކަންތައް ކުރާއިރުގައި ރައްޔިތުންގެ މަޖިލީހުން ވެސް އަދި ސަރުކާރުން ވެސް ހުކުމަށް ތަބާވާންޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއްވެސް ހިސާބަކުން އަޅުގަނޑުގެ ގޮނޑި ގެއްލުނުކަން ގަބޫލު ނުކުރާ ކަމަށް ގަބޫލު ނުކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން ސަރުކާރާ ހިސާބުން ރައްޔިތުންގެ މަޖިލީހުން ވެސް،" އާޒިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ރައްދުވާ ނާޝިޒުގެ ބަހެއް ހޯދާލުމަށް ގުޅާލުމަށް އޭނާ ފޯން ނުނަންގަވާތީ، އޭނާގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ.

އާޒިމާއި ނާޝިޒުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ގާނޫނޫ ވަކީލް މުހައްމަދު ހަލީމް ހުށަހެޅުއްވި މައްސަލާގައި އެންމެފަހުން ޝަރީއަތެއް ބާއްވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.