24 Oct 2013, 18:37
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ ގޮނޑިގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިރޭ ކުރި ހުކުމްގައި ބުނެފައި ވަނީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އާޒިމާއި ނާޝިޒު ފައިސާ ދައްކަވާފައި ނުވާކަން އެ ދެ ބޭފުޅުންގެ ފަރާތުން ޝަރީއަތުގައި ދެއްކެވި ވާހަކަތަކުން އެނގޭ ކަމަށެވެ.
ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކޮށްފައި ވަނީ އެ ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް 7 ފެބުރުއަރީ 2010ގައި ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ އެވެ.
އެ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކޯޓުން ކުރި ހުކުމުން ވަނީ ލޯނުތަކުގެ ބަދަލުގައި، ލޯނު ނެގި އިރު ބެހެއްޓި ރަހުނު ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފަ އެވެ.
އެ ހުކުމްގައި ލޯނުތައް ނުދައްކާ ނަމަ ރަހުނު ކޮށްފައިވާ ތަކެތި ވިއްކާލަން ޖެހޭނެ ކަމަށް ކޯޓުން ހުކުމްކޮށްފައިވާ އިރު އެ މަރުހަލާ ފުރިހަމަނުވަނީސް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑަނޭޅޭނެ ކަމަށް އާޒިމާއި ނާޝިޒުގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އެއީ ގާނޫނީ ގޮތުން ބުރަދަން ހުރި ވާހަތަކެއް ނޫން ކަމަށް ކަނޑައަޅައި އެ ވާހަކަތަށް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ލޯނު ދޫކޮށްފައިވާ ފަރާތެކޭ އެއްފަދައިން ލޯނަށް ގެރެންޓީދީފައިވާ ފަރާތުން ވެސް ދަރަންޏަށް ޒިންމާވާން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.
އެ ހުކުމަށް ރައުޔުދެއްވާފައި ވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ. ރައުޔު ތަފާތުވެފައި ވަނީ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.
އެ ދެ ބޭފުޅުންގެ ރައުޔުގައި ބުނެފައި ވަނީ އާޒިމާއި ނާޝިޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ގާނޫނީގޮތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ.
ފަނޑިޔާރު އަހްމަދު މުއުތަސިމް އެއްވެސް ރައުޔެއް ނެރުއްވާފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގެ ބަޔާންތައް އޭނާއަށް ލިބިވަޑައިގަތީ އިއްޔެ ހެނދުނު 10:00ގައި ކަމަށާއި އެހެންކަމުން މައްސަލަ ދިރާސާކޮށް ރައުޔު ތައްޔާރު ކުރާނެ ވަގުތު ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ނުދައްކާ ކަމަށް ސާބިތު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވެސް ގެއްލިފައި ވަނީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދިޔަ މައްސަލައަކާ ގުޅިގެންނެވެ.
ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވެއްޖެ ނަމަ ހުސްވާ ގޮނޑިއަށް 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހެ އެވެ. "ނަމަވެސް މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެ އަށްވުރެ ކުރު މުއްދަތެއް ކަމުގައިވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެ އެވެ."
އާންމު އިންތިހާބުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ހަތަރު މަސް ދުވަސް ކުރިން އާ މަޖިލީހަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ޖެހެ އެވެ.
މިހާރު މި ހިނގާ 17 ވަނަ ރައްޔިތުންގެ މަޖިލީސް އެކުލަވާލާފައި ވަނީ 28 މެއި 2009ގަ އެވެ.