24 Oct 2013, 17:55
ގޯތީގެ ވެރިފަރާތަށް ނޭނގި ލ. ގަމު ސިނާއީ ސަރަހައްދުން 85 ގޯތި ގާނޫނާއި ގަވާއިދާއި ހިލާފަށް ވަގަށް ވިއްކި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ އިކޮނަމިކް ޑިޕާޓްމެންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އަބްދުލްﷲ ޝަތީފް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ގޯތި ލިބިފައިވާ ފަރާތް ނޫން އެހެން ފާރާތްތަކަށް ގޯތިތައް ރަޖިސްޓްރީ ކޮށްދީފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ އެކަކު ހައްޔަރުކޮށްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ އިންޓަލިޖެންސް ޑިޕާޓްމެންޓް އާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓް އާއި ގުޅިގެން ހިންގި އޮޕްރޭޝަންގައި ކަމަށާއި 48 އަހަރުގެ އެމީހާ އަތުލައިގަތީ މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ގޯއްޗެއް ވިއްކުމުގެ މުއާމަލާތުގައި އުޅެނިކޮށް ކަމަށެވެ.
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން ލ. ގަމު ސިނާއީ ސަރަހައްދުން ވިއްކަން އުޅުނު ގޯތީގެ ރަޖިސްޓްރީއަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ޝަތީފު ވިދާޅުވި އެވެ. އަދި އެމީހާ ގެންގުޅުނު ސައިކަލް ބަލައި ފާސްކުރުމުން އެފަދަ އިތުރު ރަޖިސްޓްރީތަކެއް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި އެމީހާ ހައްޔަރުކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އިތުރު އަށް ގޯތީގެ ރަޖިސްޓްރީ ފެނިފައިވާ ކަމަށް ޝަތީފު ވިދާޅުވި އެވެ. އެގޭ ތެރެއިން ފަސްލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި އެ މައްސަލަ އާ ގުޅޭ އިތުރު ލިޔުންތަކެއްގެ ވެސް ވަނީ ފެނިފަ އެވެ. އަދި ލ. ގަމު ސިނާއީ ސަރަހައްދުގެ ޗާޓެއް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަތީފު ވިދާޅުވީ މިހާތަނާށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލާގައި ލ. ގަމުގެ ކައުންސިލް މެމްބަރެއްގެ އިތުރުން އެ އިދާރާގެ މުވައްޒަފަކު ވެސް ވަނީ ބައިވެރިވެފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ކައުންސިލަރަކީ ލ. ގަމު ކައުންސިލް އިދާރާގެ ރައީސް ހުސެއިން މޫސާ އެވެ. އަދި އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ލ.ފޮނަދޫ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އެނާ ދޫކޮށްލީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ އިގުރާރެއްގައި ސޮއިކުރުމަށް ފަހު އެވެ. ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން އިއްޔެ ވަނީ ހަސަން މޫސާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މާލެއިން ހައްޔަރު ކުރި މީހަކީ ގަމުގެ ސިނާއީ ސަރަހައްދުގައި ޖާގަ އެބަ އޮތް ކަމަށާއި ބޭނުން ސަރަހައްދަކުން ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ ގޯތީގެ އަގު ހަމަޖެއްސުމާއި ބެހޭ ގޮތުން އިސްދައުރެއް އަދާ ކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގެ ތުހުމަތުގައި މިމަހުގެ ހަ ވަނަ ދުވަހު ލ. ގަމު ކައުންސިލް އިދާރާގައި މަސައްކަތް ކުރާ 42 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޝަތީފު ވިދާޅުވި އެވެ. ނަމަވެސް އެމީހުންނާ ބެހޭ ތަފްސީލެއް ނުދެއްވަ އެވެ.
ފުލުހުން ވަނީ ލ. ގަމު ކައުންސިލް އިދާރާ ބަލައި ފާސްކޮށް އެމައްސަލަ އާއި ގުޅުން ހުރި ލިޔެކިޔުން ތަކަކާއި އެ މަސައްކަތަށް ބޭނުންކުރި ދެ ކޮމްޕިއުޓާ ސިސްޓަމްގެ ހާޑްޑިސްކް ގެންގޮސްފަ އެވެ.