24 Oct 2013, 17:33
ދ. ހުޅުދެލީ ފިހާރައަކުން 50 ރުފިޔާގެ 230 ފޯން ކާޑާއި 9843 ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަކީ ވައްކަމާއި ބަދްއަހްލާގީ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ނަމަވެސް އެ މީހާއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ އެ ފިހާރަ ފަޅާލައިގެން ވަގަށް ނެގި ތަކެތި 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ހޯދައިދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އެ މީހާ އިއްޔެ ރޭ ފަތިހު ހައްޔަރުކޮށްފައި ވަނީ ދ. ހުޅުދެލީ ބަނދަރު މަތިން ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރު ކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ޓަކައި 15 ދުވަހުގެ މުއްދަތެއް އެ އަތޮޅު ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.