އެމެރިކާ އިން ޖަރުމަނުގެ ޗާންސްލާ އެންޖެލާ މާކެލްގެ ފޯންކޯލް ސިއްރުން އަޑުއެހާ ކަމަށް ބުނެ އެގައުމުގައި ހުންނަ އެމެރިކާގެ އެމްބެސެޑާ ޖޯން ބީ އެމާސަން ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް އެކަމާގުޅޭ ގޮތުން ސުވާލުކޮށްފި އެވެ.

ޖަރުމަނު ސަރުކާރުން ބުނެފައި ވަނީ، އެމެރިކާއާ އެދެ ގައުމުގެ ދެމެދުގައިވާ ގުޅުމަށް ހުރަސްތަކެއް ކުރިމަތިވެދާނޭ ކަމަށް ބެލެވޭ އެ މައްސަލައިގައި ހާރިޖީ ވަޒީރު ގޫޑިއޯ ވެސްޓަވެލް އެމެރިކާގެ ސަފީރު އެމަސަންއާ ފަހުގެ ވަގުތެއްގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވާނެ ކަމަށް ބީބީސީ އިން ބުންޏެވެ.

ޗާންސެލާ މާކެލް ވަނީ އެމެރިކާގެ މި އަމަލަކީ ޔޫރަޕްގެ ސަމިޓަށް ނުރައްކާތަކެއް ކުރިމަތިވެދާނޭ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ހަމަ މިހާރުން މިހާރަށް އެކަމުގެ "ފުރިހަމަ ތަފްސީލް" ހޯދުމަށް ގޮވާލައްވައިފަ އެވެ. އަދި އެކަމަނާ ވަނީ، އެ މައްސަލައިގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ބުދު ދުވަހު ވާހަކަފުޅު ވެސް ދައްކަވާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު "ވައިޓް ހައުސް"އިން ބުނެފައި ވަނީ، އެގައުމުން ޖަރުމަނުގެ ޗާންސެލާގެ ފޯނުކޯލު ދުވަހަކު ވެސް މިހާތަނަށް މޮނިޓާ ކޮށްފައި ނުވާނޭ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް އެމެރިކާ އިން ނުކުރާނޭ ކަމަށް މާކެލް އަރިހުގައި އޮބާމާ ވިދާޅުވި ކަމަށެވެ.

ވައިޓްހައުސް އިން އެގޮތަށް ޖަވާބު ދިން ނަމަވެސް އެމެރިކާ އިން މީގެ ކުރީގައި ވެސް އެފަދަ އަމަލު ހިންގާފައިވާ ކަމުގެ ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފްރާސްންސްގެ ނޫހެއް ކަމަށްވާ "ލެ މޮންޑޭ"ގައި ހޯމަ ދުވަހު ބުނެފައި ވަނީ، އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ) އިން ފްރާންސްގެ އެތައް މިލިޔަން ފޯން ކޯލްތަކެއް ޖާސޫސު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އެއް ދުވަސް ފަހުން ހަމަ އެ ނޫހުގައި ރިޕޯޓް ކޮށްފައި ވަނީ، އެންއެސްއޭ އިން ވޮޝިންޓަނާއި އދ.ގައި ތިބޭ ފްރާންސްގެ ޑިޕްލޮމޭޓުންގެ ފޯނު ކޯލްތައް ވެސް ޖާސޫސު ކޮށްފައިވާ ކަމަށެވެ.

އެމެރިކާ އިން ހިންގާ ޖާސޫސް ކުރުމުގެ އަމަލުތައް ޔޫރަޕިއަން ޔޫނިއަންގެ ސަމިޓަށް އެޖެންޑާ ކުރުމަށް ފްރާންސްގެ ރައީސް ފްރަންކޮއިސް ހޮލަންޑޭ ވަނީ ގޮވާލައްވާފަ އެވެ. އެ ސަމިޓަކީ ޔޫރަޕްގެ ޑިޖިޓަލް އިކޮނޮމީއާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޔޫރަޕްގެ ވެރިން ބައްދަލުކުރާ ސަމިޓެކެވެ.

އެމެރިކާ ސަރުކާރުން ޖާސޫސު ކުރިކަމުގެ މައުލޫމާތު ލިބުނު ގޮތް ޖަރުމަނު ސަރުކާރުން ހާމަ ކޮށްފައި ނުވި ނަމަވެސް، އެގައުމުގެ ނޫސް މަޖައްލާއަކުން ޝާއިއު ކޮށްފައިވާ އާޓިކަލްއެއްގައި ވަނީ، އެ މައުލޫމާތުތައް އެމެރިކާގެ ސީއައިއޭގައި ކުރިން މަސައްކަތްކުރި އެޑްވަޑް ސްނޯޑަންގެ ފަރާތުން، އެ މަޖައްލާ އިން ކުރި ތަހުގީގުތަކަކުން ހޯދިފައިވާ ކަމަށެވެ.

އެމެރިކާ އިން ޖާސޫސު ކުރާ މައްސަލައިގައި ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.