24 Oct 2013, 16:24
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު މިއަދުން ފެށިގެން އެއް ހަފުތާގެ ޗުއްޓީއެއް ނަންގަވާފައިވާ ކަމަށް ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ޑރ. ނަޒީރު ވިދާޅުވީ ރައީސް ވަނީ މިއަދުން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް ޗުއްޓީއެއް ނަންގަވާފައި ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް މަޖިލީހުން އައްޔަންކުރައްވާފައިވާ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ހުވާކުރެއްވުން އޮންނާނީ ރައީސް ޗުއްޓީ ނިންމަވާފައި ވަޑައިގަތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ކަމަށް އައްޔަންކޮށްފައިވާ ޑރ. މުހައްމަދު ލަތީފާއި ހަމްޒާ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާކުރުން ލަސްވާ ކަމަށް ބުނެ މަސްއޫލިއްޔަތު ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ނަޒީރު ވިދާޅުވީ ސީއެސްސީގެ ރައީސް ކަމަށް ލަތީފް އައްޔަންކުރެއްވި ނަމަވެސް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ނުކުރެވި ލަސްވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައަށް މަޖިލީހުންނާއި ކަމާ ބެހޭ ފަރާތްތަކުން ހައްލެއް ހޯއްދަވައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ސީއެސްސީގެ ރައީސް ވިދާޅުވީ އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި މުހައްމަދު ފަހުމީ މިދިޔަ އޮގަސްޓް 20ވަނަ ދުވަހު ވަކި ކުރެއްވިފަހުން އަދި އެ މަގާމަށް އޭނާ އައްޔަންކުރި ފަހުން ލިބިވަޑައިގަންނަވަނީ ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަމަށެވެ. އަދި އޭނާ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާކުރުން ލަސްވާތީ ރައީސް މުހައްމަދު ވަހީދުގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންނެވި ނަމަވެސް މިހާތަނަށް އެކަމަށް ޖަވާބެއް ދެއްވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ލަތީފް ވިދާޅުވީ ރައީސް އޮފީސް ފިޔަވައި ސިވިލް ސާވިސްގެ އެހެން އިދާރާތަކުން ކޮމިޝަނުގެ ރައީސަށް ފޮނުއްވާ ސިޓީތައް އެޑްރެސް ކުރައްވަނީ އޭނާ އަށް ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން ފޮނުއްވާ ސިޓީގައި އޮންނަނީ ވަކި ބޭފުޅަކަށް އެޑްރެސް ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ލަތީފް ދެއްކެވި ވާހަކަފުޅާ ގުޅިގެން ޑރ. ނަޒީރު ވިދާޅުވީ އެ ކޮމިޝަންގެ ރައީސަކީ ކޮން ބޭފުޅެއްކަން އޮޅުން ނުފިލާ ކަމަށެވެ. އަދި ކޮމިޝަންގެ ރައީސަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް އޭނާ އަށް ލިބިވަޑައިގަންނަވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އެ ކޮމިޓީ އަށް ވަޑައިގެން ހުންނެވި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ލަތީފް ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރުމާ ބެހޭ ގޮތުން ބަންޑާރަ ނައިބު ލަފައެއް ދެއްވި ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އެކަމަށް ސީދާ ޖަވާބެއް ދެއްވޭނީ ބަންޑާރަ ނައިބަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.