30 Nov 2010, 11:55
ޕަޕުއާ ނިއުގިނީގެ ބާޓާގައި ހާލުގައި ޖެހިފައި އޮތް ދިވެހި ބޯޓުގައި ތިބި 19 ދިވެހިންގެ ތެރެއިން ދެ ވަނަ މީހަކަށް މެލޭރިޔާ ޖެހި އިތުރު މީހެއްގެ ހަށިގަނޑުން މެލޭރިޔާގެ އަސަރު ފެނިއްޖެ ކަމަށް އެ ބޯޓުގެ ފަޅުވެރިން ބުނެފި އެވެ.
ބާޓާގައި ހާލުގައިޖެހިފައިވާ ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ އަދި މަޝްހޫރު ތަބައްގޭ އަދުނާނު ސަން އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ ބާޓާގައި ފެތުރެމުންދާ ނުރައްކާތެރި މެލޭރިއާގެ އަސަރު ފަޅުވެރިންނަށް ކޮށްފައިވާ ކަމަށެވެ. އަދި ދެ މީހަކަށް މެލޭރިއާ ޖެހިގެން ހާލުބޮޑުވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އިތުރު މީހެއްގެ ހަށިގަނޑުން މެލޭރިޔާގެ އަސަރު ފެނިފައިވާ ކަމަށެވެ.
"ފަޅުވެރިން ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ބޯޓްގެ ޑެގުމަތީގައި މަސްބާނަން ތިބޭ އިރު މަދިރީގެ ނުރައްކާ ބޮޑުވެގެން ދެ ފަޅުވެރިއަކަށް ވަނީ މެލޭރިއާ ޖެހިފައި. އަދި އިތުރު ފަޅުވެރިއަކަށް އަނެއްކާ ވެސް މެލޭރިއާ ޖެހުމުގެ އަލާމާތްތައް ފެންނަމުންދޭ،" އަދުނާން ބުންޏެވެ.
ނަމަވެސް މިއަދު އެމްއެސްއެލް އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ފަޅުވެރިން "އާންމު ހާލަތު ހުރިހާ ގޮތަކުން ވެސް ރަނގަޅު" ކަމަށާއި އެކަމަކު އެކަކު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ކުންފުނިން ވެސް އިއުތިރާފުވެ އެވެ. ނަމަވެސް އެ މީހާއަށް މެލޭރިއާ ޖެހިފައިވާ ކަމެއް އެމްއެސްއެލްއިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އެމްއެންއެސްއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ބޯޓުގެ އިންޖީނު މަރާމާތު ކުރުމަށް ފަހު ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެފްރިކާގެ ކޭޕްޓައުނަށް ދިއުމަށް ބޯޓު ފުރާނެ ކަމަށެވެ.
އެ ބަޔާނެއްގައި އިތުރަށް ބުނެފައި ވަނީ "މޯލްޑިވިސް އެންޓާ ޕްރައިޒަސް" ނަމަކަށް ކިޔާ ބޯޓު ޔޫރަޕްގެ ކަސަބު ލަންކާ އިން ފުރައިގެން އެފްރިކާގެ މަލަބޯ އަށް ދަތުރުކުރަނިކޮށް ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައެއްގައި ބޯޓު ކަނޑުމައްޗަށް ހުއްޓުނީ ކަމަށާއި ކަނަޑުމައްޗަށް ބޯޓު ހުއްޓުމާ ގުޅިގެން ޓަގެއްގެ އެހީގައި ބޯޓު މަލަބޯއަށް ވެއްދީ ކަމަށެވެ. އަދި އެއަށް ފަހު ބޯޓު މަރާމާތުކޮށް އެފްރިކާގެ ބާޓާއަށް ގެންދިޔައީ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ކޮން ތާރީހެއްގައި ކަމެއް އެ ކުންފުނިން ނުބުނި ނަމަވެސް މޯލްޑިވިސް އެންޓާ ޕްރައިޒަސްގެ ފަޅުވެރިން ބުނަނީ ޕަޕުއާނިއުގިނީގައި އެ ބޯޓް ހާލުގައި ޖެހިފައި އޮންނަތާ ތިން މަސް ދުވަސްވެއްޖެ ކަމަށެވެ.
ބޯޓްގައި ހުރި ކާބޯތަކެތި ހުސްވެފައިވާ ކަމަށް ފަޅުވެރިން ބުނަމުންދާ އިރު، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި އެމްއެސްއެލްއިން ބުނަނީ 6 ދުވަހަށް ވާވަރަށް ތެލާއި ފެން ބޯޓްގައި ހުރިކަމަށެވެ. އަދި ކާބޯތަކެތީގެ ތެރެއިން ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް އެ ބޯޓުގައި ނެތުމުން އެތަކެތި ސަޕުލައި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް އެވާހަކަތައް ފަޅުވެރިން ދޮގު ކުރެ އެވެ. އަދި ބުނެފައި ވަނީ ބޯނެ ފެންފޮދެއް ވެސް ނެތް ކަމަށާއި ބޯޓުގައި ހުރީ ވާރޭ ވެހުނު އިރު ނެގި 1.5 ލިޓަރުގެ ފެން ކަމަށެވެ.
ބޯޓުގައި ތިބި 19 ދިވެހި ފަޅުވެރިން އަތުން ވެސް ފައިސާ ހުސްވެފައިވާ ކަމަށާއި ބޯޓްގެ ފަޅުވެރިންނަށް އެމްއެސްއެލްއިން ދޭން ޖެހިފައިވާ ތިން މަސްދުވަހުގެ މުސާރަ އެ މީހުންގެ އަނބިދަރިންނާ ހަވާލު ކުރުމަށް އެމްއެސްއެލްގައި އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ފައިސާ އެ މީހުންގެ އަނބިދަރިންނާ އެމްއެސްއެލްއިން ހާވާލުކޮށްފައި ނުވުމުން އެމީހުންނަށް ވެސް ވަރަށް ބޮޑެތި ތަދިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ބޯޓްގައި ތިބި 24 ދިވެހިންގެ ތެރެއިން ފަސް މީހަކު ވަނީ ރާއްޖެ އައިސްފަ އެވެ.