ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ ގޮނޑިގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލަ މިއަދު 5 ޖަހާ އިރަށް ފަސްކޮށްފި އެވެ.

މިއަދު 14:30 އަށް ޝެޑިއުލް ކުރި މައްސަލަ ހަވީރު 5 ޖަހާއިރަށް ފަސްކުރީ، އާޒިމުގެ ވަކީލު ޝަފީގު އެސޯސިއޭޓްސްގެ ވަކީލު މިއަދު ކޯޓަށް ވަޑައިގަން އިރު "ފަޔާކޮށްފައި"ވާ ކަމަށް އޭނާ ވިދާޅުވުމުން އުފެދުނު މައްސަލަ ހައްލު ކުރުމަށް ކަމަށް ކޯޓުގައި ހުރި ސަންގެ ރިޕޯޓަރު ބުންޏެވެ.

ނާޝިޒުގެ ވަކީލަކީ ސުއޫދު އެންޑް އަންވަރު ކޯގެ ލޯޔަރު ހުސްނު އަލް ސުއޫދެވެ. ސުއޫދު ހުންނެވީ ޗުއްޓީގަ އެވެ.

އާޒިމާއި ނާޝިޒުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ސުޕްރިން ކޯޓަށް މައްސަލަ ވައްދާފައި ވަނީ ޖުމްހޫރީ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ވެލިދޫ އެލްޕާސޯ މުހައްމަދު ހަލީމެވެ.

ނާޝިޒާއި އާޒިމްގެ ގޮޑިއާ މެދު ސުވާލު އުފެދުނީ އެ ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 7 ފެބުރުއަރީ 2010ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ އެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކޯޓުން ކުރި ހުކުމްގައި ވަނީ އެ ލޯނުތަކުގެ ބަދަލުގައި، ލޯނު ނެގިއިރު ބެހެއްޓި ރަހުނު ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ނުދައްކާ ކަމަށް ސާބިތު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވެސް ގެއްލިފައި ވަނީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދިޔަ މައްސަލައަކާ ގުޅިގެންނެވެ.