ޕްރެޒިޑެންޓްސް ކަޕްގެ 63 ވަނަ ފައިނަލްގައި ރޭ މާޒިޔާއަތުން 4-2 އިން މޮޅުވެ މުބާރާތުގެ ތަށި ނިއުރޭޑިއަންޓްއަށް ހޯދައިދިނުމުގެ އިތުރުން އެންމެ އުފާވީ 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް ގާއިމް ކުރެވުމުން ކަމަށް ނިއުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިގްބާލް ބުނެފި އެވެ.

މެޗަށްފަހު ރޭ "ސަން"އާ ވާހަކަ ދައްކަމުން އިގްބާލް ބުނީ، މިއީ މުޅި ސީޒަންގައި ވެސް ނިއު ކުޅުނު އެންމެ ޕްރެޝަރު ބޮޑު މެޗު ކަމަށާއި އެހެން ނަމަވެސް ސީޒަންގެ ހުރިހާ މެޗަކުން މޮޅުވުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ.

"މިއީ މުޅި މި ސީޒަންގައި ވެސް ނިއު ކުޅުނު އެންމެ ޕްރެޝަރު މެޗު. ސަބަބަކީ ތަށި ހޯދުމުގެ އިތުރުން އެންމެ މުހިއްމު ކަމަކަށްވީ ވިނިން ރެކޯޑް ހިފެހެއްޓުން. އެކަން މުޅި މެޗުގައި ވެސް ފެނިގެން އެދިޔައީ. ކީޕަރުގެ ފަރާތުން ވެސް މިއިން ޒަމާނަކު ނުފެންނަ ކަހަލަ ބޯޅައެއް ރޭ ވަނީ. އަދި އެހެން ކުޅުންތެރިންގެ ފަރާތުން ވެސް އެކަހަލަ މިސްޓޭކްތައް ޕްރެޝަރުގެ ސަބަބުން ފެނިގެންދިޔަ،" ނިއުގެ ވަގުތީ ހެޑް ކޯޗުގެ ޒިންމާވެސް ނަގަމުން ގެންދާ އިގްބާލް ބުންޏެވެ. "އެއީ ހަމަ އެއްކަލަ 'މޮޅުވުމުގެ ރެކޯޑް' ސިކުޑީގައި އިންނަތީވެ އަންނަ ޕްރެޝަރު. އެކަމަކު ވެސް ދެން ޕެނަލްޓީއާ ހަމައަށް ނުގޮސް އިރާދަކުރެއްވިޔާ މިއޮތީ މޮޅުވެފައި. މިއީ ވަރަށް ބޮޑު އުފަލެއް."

ނިއުރޭޑިއަންޓް މިސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތައްޓެއް ހޯދިއިރު އެޓީމް ފެންވަރުގައި ބައްޓަންކުރުމުގެ އެންމެ ބޮޑު މޭސްތިރިއަކީ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯފް އެވެ. އިގްބާލް ބުނީ ކޯޗު ނެތްތަން ފެނިގެން ދިޔަ ކަމަށާއި އެހެން ނަމަވެސް ކޯޗު ފުރުމުގެ ކުރިން މި މެޗުތަކަށް ތައްޔާރު ވުމަށް ވަރަށް ބޮޑަށް އެހީތެރިވެ ދީފައިވާ ކަމަށެވެ.

"ކޯޗު ދިޔަ އިރުގަ ވެސް ކުޅުންތެރިންނަށާއި ޓެކްނިކަލް ސްޓާފުންނަށް ވަރަށް ބޮޑަށް އެޑްވައިޒް ދީފަ ދިޔައީ. ޓެކްނިކަލް ސްޓާފުންނާއި ކުޅުންތެރިންނަށް ކޯޗު އެދިން އިރުޝާދުގެ އެހީގައި އަޅުގަނޑުމެންނަށް މި ލިބުނު 10 ވަރަކަށް ދުވަހުގެ ތެރޭގައި ކުޅުންތެރިންގެ އެ އެޓިޓިއުޑް ހިފަހައްޓައިގެން އަދި ސަޕޯޓަރުންގެ އެހީއާ އެކު މި ކާމިޔާބު ހޯދުނީ،" އިގްބާލު ބުންޏެވެ.

އިގްބާލް ބުނީ ރޭ މާޒިޔާ އަތުން ތިންފަހަރު ކުރި ހޯދައިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް މޮޅުވި މެޗު ނިއުގެ ކޮޅަށް އެނބުރެން މެދުވެރިވީ އެ ޓީމުގެ ތަޖްރިބާ ކާރު ފޯވާޑް އަލީ އުމަރު އެރުވި ހިސާބުން ކަމަށެވެ.

"މުޅި މެޗުގައި ވެސް ހުރިހާ ކުދިންގެ ފަރާތުންވެސް ވަރަށް މޮޅު ކުޅުމެއް ފެނިގެން ދިޔަ. ލިލީ ބާލުވަން ޖެހުން އެއީ އަސްލު އަޅުގަނޑުމެން ވިސްނައިގެން ތިބި ގޮތެއް ނޫން. އެކަމަކު އެ ބަދަލަކީ މެޗުގެ ޓާނިން ޕޮއިންޓޭ ދެންނެވޭނީ. މިފަދަ ޕްރެޝަރު މެޗެއްގައި އަލީ އުމަރު ފަދަ ތަޖްރިބާ ހުރި ކުޅުންތެރިއަކު މެދުތެރެއިން ބޯޅަ ހިފަ ހައްޓައިގެން ޕާސްތައް ދޭން ފެށި ހިސާބުން އަޅުގަނޑުމެން ކޮޅަށް މެޗު އެއްކޮށް އެނބުރުނީ،" އިގްބާލް ބުންޏެވެ.