ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ނިންމައިފި އެވެ.

މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެއްސެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަންކަމާ ގުޅިގެން ކަމަށާއި އެ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ އެ މައްސަލަ އެކަނި ކަމަށެވެ.

ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން ހަމަޖެއްސީ މަޖިލީހުގެ ރައީސް އެގޮތަށް ނިންމެވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް ރައީސް ވަހީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީހުތަކުގައި އިންތިހާބު ބާއްވާ ނަމަ ނޮވެމްބަރު 11ގައި ރިޔާސީ ދައުރު ހަމަވެގެންދާ އިރު ވެސް ގާނޫނު އަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެފަދަ ހާލަތަކީ ގާނޫނީ މައްސަލަތަކެއް ދިމާވާނެ ހާލަތަކަށް ވާތީ އެ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

ނޮވެމްބަރު 11ގެ ފަހުން ގައުމަށް ކުރިމަތިވެދާނެ ހާލަތަކާ ގުޅިގެން ގާނޫނީ ގޮތުން ކުރިމަތިވެދޭނެ މައްސަލަތައް ހައްލު ހޯދުމަށް މަޖިލީހުގައި ރައީސް އެދިވަޑައިގެންފައިވާ އިރު މަޖިލީހުގެ މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެކޮމިޓީ އަށް ހާޒިރުކުރުމަށް ފާސްކޮށްފަ އެވެ.

ފަނޑިޔާރުން ކޮމިޓީ އަށް ހާޒިރުކުމަށް ނިންމާފައި ވަނީ މަޖިލީހުން ކުރަން ބޭނުންވާ އިލްމީ ދިރާސާއެއް ހެދުމަށާއި ނޮވެމްބަރު 11ގެ ފަހުން ގައުމަށް ކުރިމަތިވެދާނެ ހާލަތަކާ ގުޅިގެން ގާނޫނީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކާ ބެހޭ ގޮތުން ފަނޑިޔާރުންގެ ލަފާޔާއި އެބޭފުޅުންގެ ރަޔުއު ހޯދުމަށް ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ވަނީ ވިދާޅުވެފަ އެވެ.