ދުބާއި (އޮކްޓޯބަރ 24): ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުކަމަށްވާ ސައޫދީ އަރަބިޔާ އާއި ދުނިޔޭގައި އެންމެ ބޮޑަށް ތެޔޮ ބޭނުންކުރާ އެމެރިކާއާ ދެމެދު ގައިވާ އިޤްތިސާދީ ގުޅުންތަކަކީ ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި ބިނާކޮށްފައިވާ ވަރަށް އިތުބާރު ހުރި ގުޅުންތަކެއް ކަމަށާ އެދެގައުމުގެ ސިޔާސީ ދެބަސްވުންތަކުގެ އަސަރު މިގުޅުންތަކަށް ކުރުން ދުރުކަމަށް ގަލްފުގެ ވިޔަފާރި އާއި އިގްތިސާދީ ދާއިރާތަކުން ބުނެފި އެވެ.

މިދާއިރާތަކުން ބުނީ އެމެރިކާ އާއި ސައޫދީގެ އިޤްތިސާދީ އަދި ވިޔަފާރީގެ މުޢާމަލާތްތަކާއި އެދެގައުމުގެ ދެމެދުގައި އުފެދެމުންދާ ސިޔާސީ ޚިލާފުތަކާ ދެމެދު ސީދާގުޅުމެއް ނުވާނެ ކަމަށާ ސިޔާސީ ކަންތައްތަކާއި އިޤްތިސާދު ގުޅުވުމަކީ ސަޢޫދީ ސަރުކާރުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތްނޫން ކަމުގަ އެވެ. ގަލްފުގެ އިޤްތިސާދީ ދާއިރާތަކުންނާއި ތަޖްރިބާކާރުން މިމޭ ރުމުން ވާހަކަ ދައްކާފައި މިވަނީ އެމެރިކާ އާއި ސައޫދީ އަރަބިޔާއާ ދެމެދު ފެންމަތިވަމުންދާ ސިޔާސީ ދެބަސްވުންތަކުގެ ނޭދެވޭ އަސަރު ދެގައުމުގެ އިޤްތިސާދީ ގުޅުންތަކާއި ވިޔަފާރީގެ މުޢާމަލާތްތަކަށް ކޮށްފާނެ ކަމާމެދު އެމެރިކާގެ ބައެއް ކުންފުނިތައް ކަންބޮޑުވާކަން ހާމަކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

1970ގެ އަހަރުތަކުގައި ތެލުގެ އާދަޔާ ޚިލާފު މުއްސަނދިކަމެއް ލިބިގެންދިޔަ ސައޫދީ އަރަބިޔާގައި މިހާރު ގާއިމްކޮށްފައިވާ ޢުމްރާނީ ތަރައްގީގެ ޒަމާނީ ވަސީލަތްތައް ބިނާކުރުމުގައި އިސްދައުރެއް އަދާކޮށްފައި ވަނީ އެމެރިކާގެ ކުންފުނިތަކުންނެވެ. އަދި ސައޫދީ އަރަބިޔާ އަށް ބޭނުންވާ އަސްކަރީ ހަތިޔާރާއި ދިފާޢީ ވަސީލަތްތަކާއި ތަމްރީން ފޯރުކޮށްދޭ މައިގަނޑު ގައުމަކީ ވެސް އެމެރިކާކަމަށްވާ އިރު ސައޫދީ ޝާހީ ޢާއިލާގެ ގިނަ މެމްބަރުންނާއި އެގައުމުގެ ކުންފުނިތަކުގެ އިސްފަރާތްތައް ތަޢްލީމް ހާސިލްކޮށްފައިވާ މައިގަނޑު ގައުމަކީ ވެސް އެމެރިކާ އެވެ. އެހެންކަމުން އެމެރިކާ އާއި ސައޫދީއާ ދެމެދުގައިވާ އިޤްތިސާދީ އަސްކަރީ އަދި ތައްލީމީ ގުޅުންތައް ވަނީ ދެގައުމުގެ ދެމެދުގައި އުފެދޭ ސިޔާސީ ޚިލާފުތަކަކުން ހީނަރުވެގެންދާ ވަރަށްވުރެ މާބޮޑަށް ހަރުދަނާވެފައި ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަން މިފަހަކަށް އައިސް ސައޫދީ ސަރުކާރުން ގެންދަނީ ހާމަކުރަމުންނެވެ. މިގޮތުން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅު އެޅުމަށް އެމެރިކާ ފަސްޖެހުމާއި އީރާނާ ގާތްވުމަށް އެމެރިކާ މަސައްކަތްކުރުމާއި ފަލަސްތީނުގެ ބިމާއި ހައްގުތަކުގެ މައްސަލާގައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާ ފަސްޖެހުމާއި ބަހްރައިންގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ސައޫދީ އަރަބިޔާ އަޅާ ފިޔަވަޅުތަކަށް އެމެރިކާ ތާއީދުނުކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އެމެރިކާގެ ސިޔާސަތާ މެދު މާޔޫސްވެ އެމެރިކާ އަށް ދޭ އެއްބާރުލުން ކުޑަކުރަން ގަސްދުކުރާ ކަމަށް ކަމަށް ސަޢޫދީ އަރަބިޔާގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ އަލްއަމީރު ބަންދަރު ބިން ސުލްތާން ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއާ އެކު ބާއްވާ ޑިޕްލޮމެޓިކް ގުޅުންތައް ހަނިކޮށް އެމެރިކާއަށް ދޭ ސިޔާސީ އެއްބާރުލުން ކުޑަކުރުމަށް ސަޢޫދީ ސަރުކާރުން ނިންމި ނަމަވެސް މިއީ މާފުޅާދާއިރާއެއްގައި ޢަމަލީގޮތުން ތަންފީޒުކުރަން ސައޫދީ އަރަބިޔާއަށް ކެރޭނެ ކަމެއްނޫން ކަމަށް މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)