24 Oct 2013, 14:45
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފިލްމެއް ހެދުމަށް ފަހު އިސްލާމްވި ނެދަލެންޑެސްގެ ފިލްމު ޕްރޮޑިއުސަރު އާރުނޫޑް ވަން ޑޫރުން އޭނާގެ ގައުމުގައި އިސްލާމީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތަ ފަށައިފި އެވެ.
އާރުނޫޑް ވަން ޑޫރުން އަކީ 2008 ވަނަ އަހަރު ނެދަލޭންޑްސް ގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ލާރި ދީގެން ހެދި "ފިތުނަ"ނަމަކަށް ކިޔުނު ފިލްމުގެ އެއް ޕްރޮޑިއުސަރެވެ. ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމް ދިނަކީ ޓެރަރިޒަމާ ރުޅިވެރިކަން ކުރިއަރުވާ ދީނެއް ކަމަށް ދައްކުވައިދޭން ހެދި އެ ފިލްމު ގެ ސަބަބުން އެތައް މުސްލިމު ގައުމެއްގައި މުޒާހަރާކޮށް ނުރުހުން ފާޅުކުރިއެވެ.
މިދިޔަ އަހަރު އިސްލާމް ދީން ގަބޫލުކޮށް، މިއަހަރު ހައްޖުވެ ތައުބާވެފައިވާ އާރުނޫޑް ވަން ޑޫރުން ބުނިގޮތުގައި އޭނާގެ ސިޔާސީ ޕާޓީން މަސައްކަތްކުރާނީ ނެދަލޭންޑެސްގަޔާއި ޔޫރަޕުގައި ވެސް އިސްލާމްދީނާ މުސްލިމުން ކުރިއެރުވުމަށެވެ. އާރުނޫޑް ވަން ޑޫރުން ވަނީ މިއަހަރު ފެބްރުއަރީ މަހު އުމްރާއެއް ވެސް ވެފައެވެ.
"އަހަރެންގެ ޕާޓީގައި އުޅޭނީ ގިނަ އަދަދެއްގެ މުސްލިމުން. އިސްލާމްދީނާއި މުސްލިމުންނަށް ހިތްވަރުދޭ މުސްލިމު ނޫން މެމްބަރުންވެސް އުޅޭނެ،" ވަން ޑޫރުން ބުންޏެވެ.
"ފިތުނަ"ފިލްމު ހެދުމުގައި ބައިވެރި ވެވުނީތީ ހިތާމަ ކުރާ ކަމުގައި އެނާ ބުނެއެވެ. އަދި އޭނާ އެފިލްމު ޕްރޮޑިއުސް ކުރި ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރެއެވެ.
“އަހަރެން ހަމައެކަނި އުޅުނީ އެ ފިލްމު މާކްޓުކޮށް ކުރިއަރުވަން. އަހަރެން އޭރު ހުރީ ފިލްމު ހެދި ގީޓް ވައިލްޑާ ގެ ސިޔާސީ ޕާޓީ (ޑަޗް ޕާޓީ ފޮ ފްރީޑަމް) ގެ ޕަބްލިކް ރިލޭޝަންސް އާއި މައުލޫމާތު ދިނުމާ ހަވާލުވެގެން،” އާރުނޫޑް ވަން ޑޫރުން ބުންޏެވެ.
އެނާ ބުނިގޮތުގައި އެނާގެ ސިޔާސީ ޕާޓީން އިސްލާމްދީނުގެ ރިވެތި އަހުލާގާ މާތް ގޮތްތައް ޔޫރަޕާއި އެހެނިހެން ކަންކޮޅުތަކަށް ފެތުރުމަށް މަސައްކަތް ކުރާނެއެވެ. "އަހަރެން ވައުދު ވެއްޖައިން، ރެޔާ ދުވާލު އިސްލާމްދީނުގެ ހިދުމަތުގައި މަސައްކަތްކުރަން، އަހަރެންގެ ފާފަތައް ފުއްސަވާތޯ. އަހަރެންގެ ހުރިހާވެސް އުއްމީދަކީ މާތް ﷲ، އަހަރެންގެ ފާފަތައް ފުއްސެވުމަށް އެދި ކުރާ ދުއާތައް އިޖާބަކުރެއްވުން،" އާރުނޫޑް ވަން ޑޫރުން ބުންޏެވެ.
އާރުނޫޑް ވަން ޑޫރުން ބުނި ގޮތުގައި އެނާ މިހާރު މަސައްކަތްކުރަނީ ކެނެޑާގެ ދައުވާ ސޮސައިޓީއާ ގުޅިގެން "މުހައްމަދު: މާސްޓަރ އޮފް ހިއުމަން ބިއިންގްސް" (މުހައްމަދު: އިންސާނުންގެ ވެރިޔާ) ކިޔާ ފިލްމެއް ހެދުމަށެވެ. ކެނެޑާގެ ދައުވާ ސޮސައިޓީ އަކީ އާރުނޫޑް ވަން ޑޫރުން އަށް ހައްޖުވުމަށް ގޮވައިލި ޖަމިއްޔާއެވެ. "އޭގެ އިތުރުން ކީރިތި ރަސޫލާގެ ހަޔާތަށް ބިނާކޮށް އަހަރަމެން ކުރު ފިލްމުތަކެއް ހަދާނަން. ފަސް ބަހަކުން އެ ފިލްމުތައް ހަދާނީ، ބޭނުމަކީ މުޅި ޔޫރަޕަށް ބަހާލުން،" އެނާ ބުންޏެވެ.
އެނާ ބުނީ "މަދީނާ: ދަ ލައިޓް އޮފް އިސްލާމް” (މަދީނާ: އިސްލާމް ދީނުގެ ދަންމަރު) ކިޔުނު، މަދީނާގެ ތާރީޚާ ބެހޭ ފިލްމެއް ހަދަން ގަސްތުކުރާ ކަމަށާ ހައްޖުގައި އެނާއަށް ކުރެވުނު އިހުސާސްތަކާ ބެހޭގޮތުން ފޮތެއް ވެސް ލިޔަމުން އަންނަކަމަށެވެ. ހައްޖުވުން ވެގެން ދިޔައީ އިސްލާމުންގެ އާދަކާދަ ތަކާ ސަގާފަތް ތަކަށް ލޯހުޅުވިގެންދިޔަ ދަތުރަކަށް ކަމަށް އެނާ ބުންޏެވެ.
"ސެކިއުރިޓީ ބަލަހައްޓަން ހުރި މީހަކު ޖަމްރާއަށް ހިލައުކަން މުސްކުޅި އަންހެނަކު އޭނާގެ ކޮނޑަށް ލައިގެން ދުވެފައި ދިޔަ މަންޒަރު އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ،" އާރުނޫޑް ވަން ޑޫރުން ބުންޏެވެ.
"އަހަރެންނަށް ކުރީގައި ކުރެވިފައި ހުރި ކަންކަމާ މެދު ހިތާމަކުރަން. އިސްލާމް ވުމުގެ ކުރިން އަހަރެންގެ ހަޔާތް އޮތީ ހުސްކޮށް،" އޭނާ ބުންޏެވެ.
އާރުނޫޑް ވަން ޑޫރުން ބުނީ އެނާގެ މަންމަ އާއި އަންހެނުންނަށާއި ތިން ކުދިންނަށް މިހާރު އިސްލާމްދީން އުނގަންނައިދޭން ފަށާފައިވާކަމަށެވެ.