ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުގެ ގައިޑުލައިނާ އެއްގޮތަށް ބޭއްވުމަށް ކޮށްފައިވާ ހުކުމުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުންނާއި އަދި އަންނަ ނޮވެމްބަރު މަހު 11 ވަނަ ދުވަހުގެ ފަހުން ރައީސަކު ނެތި އަންނަ ހުސްކަމަށް ހައްލެއް ހޯދުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވަކިވަކީން މަޝްވަރާ ކުރުމަށް އެ ކޯޓުގެ ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސަސާތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުވުމަށް މަޖިލީހުގެ ކޮމެޓީން އަންގައިފި އެވެ.

އެ ކޮމެޓީގެ މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ޝަމީރު ދެންމެ ސަން އަށް ވިދާޅުވީ ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮމެޓީ އަށް ވަޑައިގަތުމަށް ދެންނެވީ މިއަދު 14:00 އަށް ކަމަށާއި ނަމަވެސް އެބޭފުޅުންނަށް ދަތި ނަމަ 15:00 އަށް ވަޑައިގަތުމަށް ވެސް ދަންނަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބޭފުޅުން ފަނޑިޔާރުންނަށް ފުރަތަމަ ދެންނެވީ ހުރިހާ ބޭފުޅުން އެއްކޮށް ވަޑައިގަތުމަށް ކަމަށާއި ނަމަވެސް އެގޮތް ދަތި ނަމަ ވަކިވަކީން ވަޑައިގަތުމަށް ވެސް ދަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ކޮމެޓީގައި އެ ބޭފުޅުންގެ އިންތިޒާރުގައި،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ފަނޑިޔާރުން ކޮމެޓީ އަށް ވަޑައިގަތުމަށް ދެންނެވީ ރަނގަޅު ނިޔަތުގައި ކަމަށާއި އެ ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދު ފަނޑިޔާރުން ކޮމެޓީ އަށް ވަޑައިގަތުމަށް ދެންނެވި ގަޑީގައި ސުޕްރީމް ކޯޓުގައި ވަނީ މައްސަލައެއް ޝެޑިއުލްކޮށްފަ އެވެ. އެއީ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި ނާޝިޒުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.