24 Oct 2013, 14:56
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއާމަން ކަމަށާއި ގުޅީފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއައިޒެޑް)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު ވިދާޅުވީ ޕޯސްޓް ލިމިޓެޑްގެ ޗެއާމަނަކަށް ހަމަޖެއްސެވީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު ކަމަށެވެ. އޭގެ އިތުރުން ޖީއައިޒެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ރަމީޒް އަލީ އެވެ.
ޕޯސްޓް ލިމިޓެޑްގެ ޗެއާމަން ކަމަށް ޝަފީގު އައްޔަން ކުރެއްވީ އެ ކުންފުނީގެ ޗެއާމަނަށް ހުންނެވި އަހުމަދު ނިޒާމް (ކެލާ ނިޒާމް) އެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަނަށް ސަރުކާރުން އައްޔަންކުރާ ޑިރެކްޓަރެއްގެ ގޮތުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ވެސް ހަމަޖައްސަވައިފަ އެވެ.