24 Oct 2013, 14:53
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ގޯތި ވިއްކައި ގޯތީގެ ރަޖިސްޓްރީ ހަދާދިން ކަމުގެ ތުހުމަތު ކުރެވޭތީ ލ. ގަމު ކައުންސިލްގެ ރައީސް ހުސެއިން މޫސާ 15 ދުވަހަށް ތަހުގީގަށް ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް އަމުރުކުރީ އެމައްސަލައިގެ ތުހުމަތުގައި ހުސެއިން މޫސާ ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު ޖެހުމަށް ލ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ އިގުރާރެއްގައި ސޮއިކުރުވައި ފުނަދޫ ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.
ހައިކޯޓުން މިމައްސަލަ ބެލުމަށް ފަހު ނެރެފައިވާ ހުކުމުގައި ބުނެފައި ވަނީ އެ މައްސަލައަކީ މިހާރު ވެސް ފުލުހުންގެ ތަހުގީގު ކުރިއަށްދާ މައްސަލަ އަކަށްވާ އިރު އެ މައްސަލައާ ގުޅިގެން ހޯދަން ޖެހޭ ލިޔެކިޔުންތަކާއި އެ މައްސަލާގައި ސުވާލުކުރަން ޖެހޭ ފަރާތްތައް މިހާރު ވެސް މަސައްކަތް ކުރަމުން ގެންދަނީ ހުސެއިން މޫސާ އެ ކައުންސިލެއްގެ ރައީސް ކަން ކުރަމުން އަންނަ ލ. ގަމު ކައުންސިލް އިދާރާގައި އެނގޭ ކަމަށެވެ.
މީގެ އިތުރުން ހުސެއިން މޫސާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާ އޭނާ ވަޒީފާ އަދަކުރަމުންދާ ތަނާއި އަދާކުރާ ވަޒީފާއާއި ތުހުމަތުކުރެވޭ މައްސަލާގެ ހެކިންގެ ގޮތުގައި ބެލެވޭ މީހުންނާއި ހެކީގެ ގޮތުގައި ބެލެވޭ ލިޔެކިޔުންތަކަށް ބަލާއިރު އޭނާއަކީ ހެކިބަސްދޭ މީހުންނަށް ނުފޫޒު ފޯރުވައި ނުވަތަ ހެކީގެ ގޮތުގައި ބެލިދާނެ އެއްޗެހި ނައްތާލެވިދާނެ ފަދަ މަގާމެއްގައި ހުރި މީހެއް ކަމަށް ބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ހުސެއިން މޫސާ ބަންދުން ދޫކޮށްލުމަށް ލ. ފޮނަދޫ މެޖިސްޓްޜޭޓް ކޯޓުން އޭނާ ލައްވައި ސޮއިކުރި އިގުރާރަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި، ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި އިއްޔެއިން ފެށިގެން 15 ދުވަސް ވަންދެއް އޭނާ ބަންދުގައި ބެހެއްޓުމަށް މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅައި އަމުރުކޮށްފަ އެވެ.